ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ އެހީގެ ގޮތުގައި 7800 ރުފިޔާ


މއ. އެމްޓޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ އެހީތެރިކަމެއްގެ ގޮތުގައި 7800 ރުފިޔާ ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވީ އެ ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވި އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7800 ފޯރުކޮށްދީފައިވާކަމަށެވެ. މި ފައިސާއަކީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަންނައުނު ހޯދުމަށްދިން އެހީއެއް ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މިރޭ އަލިފާން ރޯވެފައިވަނީ މއ. އެމްޓޭޝަން ގޭގެ ކޮޓަރިއެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގައި އެ ގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން އަލިފާން ރޯވި ކޮޓަރީގައި ހުރި އަންނައުނާއި ސޯފާ އާއި ގޮދަޑީގެ އިތުރުން އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:45 ހާއިރު ކަމަށާއި އަދި އަލިފާން ނިއްވާލާފައިވަނީ 8:04 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.