ޚަބަރު

މެމްބަރު ރިޒާގެ މައްޗަށް މީހުން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލައިފި


މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލުތަކުގައި ބައިވެރިވެފައިވާތީ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިއެވެ.

ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތަކާ އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުޙުމަތުކުރެވޭ ގޮތަށް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކުރި މައްސަލާގައި ރިޒާއާއި، އިތުރު 2 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

އަލީ ރިޒާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރ.އައި.އެކްސް ކުންފުނީގެ ސްޕޮންސަރޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ޤާނޫނާ ޚިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައި، އެމީހުން އެކްސްޕްލޮއިޓްކޮށް، އެމީހުން ޓްރެފިކްކޮށްފައިވާ މައްސަލައިގައެވެ. ކޯޓު އަމުރެއްގެ ދަށުން އާރ.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައި ފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށްވެސް ރިޒާ ހުރަސްއެޅި މައްސަލަވެސް މީގެތެރޭގައި ހިމެނެއެވެ.

މިމައްސަލާގައި ނ. މާފަރު، ބްލާސަމްގެ، ޙަސަން ޢުމަރު އަދި ށ. މިލަންދޫ، ރެޑްރޯސް. ނަޞްރުﷲ އުޘްމާންގެ މައްޗަށް، މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ޢަލީ ރިޟާގެ މައްޗަށް ދަޢުވާކުރާ މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލުތަކުގައި މި ދެމީހުން ބައިވެރިވެފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިވާކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާކަމަށްވެސް މިދައުވާގައިވެއެވެ.

ދައުވާގައި ބުނާގޮތުން އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް ރިޒާ ވަނީ ޢަމަލުކޮށްފައެވެ.

ބ. އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ ޤަވާއިދަށް ހިލާފަށް މަސައްކަތްކުރަމުންދިޔަ މައްސަލަ ފެންމަތިވީ މިދިިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.