ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސް، މޫސުމަށް ސަމާލުވޭ


ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެގޮތުން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހެނދުނު 9:45 އިން ފެށިގެން މެންދުރުފަހު 3:45 ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފައެވެ. އެގޮތުން ކ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހަމައަށް ވަނީ މިއެލަރޓް ނެރެފައެވެ.

މެޓު އޮފީހުން ވިދާޅުވީ އުތުރާ މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަ ވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. މެޓު އޮފީހުން ވިދާޅުވީ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 6 ފޫޓު އުސްމިނުގައިކަމަށެވެ.