ޚަބަރު

ސައުދީގައި މާޒިޔާއިން ކުޅުނު 2 ވަނަ މެޗް އެއްވަރުވެއްޖެ


އޭއެފްސީ ކަޕްއަށް ތައްޔާރުވުމަށް މާޒިޔާއިން ދުބާއީގައި ކޭމްޕް ކުރަމުންދާއިރު، އެގައުމްގައި މާޒިޔާއި ކުޅުނު ދެވަނަ މެޗް އެއްވަރުވެއްޖެއެވެ.

ލަނޑެއް ނުޖެހި އެއްވަރުވި މިމެޗްގައި މާޒިޔާއިން ވާދަކޮށްފައިވަނީ އެގައުމުގެ ޕްރޯ ލީގުގެ ކްލަބް އަލް ވަހްދާއާއެވެ. މާޒިޔާއިން ވަނީ މި ކޭމްޕްގައި އެޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗްގައި މާޒިޔާ މޮޅުވެފައިވަނީ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމްއާއި ވާދަކޮށްގެންނެވެ. މިމެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. މާޒިޔާއިން ފަހަތުން އަރާ ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ނާއިޒު ހަސަން (ދާދު)އެވެ.

އެކުވެރިކަމުގެ ތިން މެޗް މާޒިޔާއިން ސައުދީގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ މިމެޗްގައި މާޒިޔާ ވާދަކުރާނީ ސައުދީގެ ޖިއްދާން އެފްސީއާއެކުއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.

ސައުދީގައި މާޒިޔާއިން 10 ދުވަހު ތަމްރީންތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް ޑީގައި ހިމެނެނީ މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި ބަންގްލަދޭޝްގެ އޭޓީކޭ މޯހަން ބަގާންއެވެ. މި ގުރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.