ޚަބަރު

ގޮތް ހުސްވެގެން ބާސެލޯނާއިން މެސީ ދޫކޮށްލަން ނިންމައިފި


ލާލީގާގެ އުސޫލުތައް ހުރި ގޮތުންނާއި، ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އެޓީމްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަދި ކެޕްޓަން ލައިނަލް މެސީ ދޫކޮށްލަން ބާސެލޯނާއިން ނިންމައިފިއެވެ.

ބާސެލޯނާގައި މެސީ ބެހެއްޓުމަށް އެޓީމްއިން ދިޔައީ ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންނެވެ. ނަމަވެސް ބާސެލޯނާގެ ކުޅުންތެރިންގެ މުސާރަތައް ބޮޑުވުމުން، ލަލީގާގައި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ބާސެލޯނާއަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހާއި ހަމައަށް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާއިރު، އޭގެ ފަހުން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވެފައިވަނީ އެއްވެސް ކުލަބްއެއްގެ އެއްބަސްވުމެއްގައި ނެތް ކުޅުންތެރިއަކަށެވެ.

އެންމެ ފަހު ވަގުތާއި ހަމައަަށްވެސް ބާސެލޯނާއިން މެސީ ކުލަބްގައި މަޑުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން، މެސީވެސް ވަނީ 50 ޕަސެންޓް ކުޑަ މުސާރައަކަށް ކުލަބްގައި މަޑުކުރުމަށް ނިންމާ، 5 އަހަރު ދުވަހުގެ އެއްބެސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުކަމަށް މީގެ ކުރިން ބުނެފައެވެ. ނަމަވެސް ބާސެލޯނާގެ ކުޅުންތެރިންގެ މުސާރަތައް ބޮޑުކަމުންނާއި އެކުލަބްގެ މާލީ ހާލަތު ހުރި ގޮތުން މިވަގުތު މެސީ ކުލަބްގައި ބެހެއްޓެން ނެތްކަމަށްވެސް ބާސެލޯނާއިން ރޭ ނެރުނު ބަޔާންއެއްގައި ބުނެފައިވެއެވެ.

އެޓީމްއިން ނެރުނު ބަޔާންއެއްގައި ބުނެފައިވަނީ މިއީ ކުލަބް އަދި މެސީވެސް ބޭނުންވާ ގޮތް ނޫންކަމަށާއި ނަމަވެސް ލަލީގާގެ މާލީ ގަވާއިދުތަކުގެ ތެރެއިން މިކަން ކުރެވޭނެ އެއްވެސް އަލި މަގެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ.

މެސީ ކުލަބްގައި ބެހެއްޓުމަށް ބާސެލޯނާއިން ވަނީ ބައެއް ކުޅުންތެރިން ވިއްކާލާފައެވެ. ނަމަވެސް އެކުލަބްއިން ބޭނުންވި ވަރަށް ކުޅުންތެރިން ވިއްކާލެވިފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ސީޒަން ނިމުމާއެކު ބާސެލޯނާ ދޫކޮށްދާން ބޭނުންވާކަމަށް މެސީ ބުނި ނަމަވެސް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެއް އަހަރު ބާކީ އޮތް އިރު، މެސީ ކުލަބް ބަދަލް ކުރާނަމަ، ޓްރާންސްފަރ ފީއެއްގެ ގޮތުގައި 624 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ބާސެލޯނާ އައި ސްޕެނިޝް ލީގުން ބުނުމާއެކު، ފަހުން މެސީ ވަނީ ބާސެލޯނާގައި މަޑު ކުރުމަށް ނިންމާފައެވެ.

ބާސެލޯނާގެ ކެޕްޓަން ލައިނަލް މެސީ 21 އަހަރަށް ފަހު އެކުލަބް ދޫކޮށްދާނެކަން މިހާރު ޔަގީންވެފައިވާއިރު، އޭނާވަނީ ބާސެލޯނާއަށް ކުޅެދިން 778 މެޗްގައި 672 ގޯލް ޖަހާދީފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވާ މެސީވަނީ ބާސެލޯނާއާއެކު ކުލަބް ލެވެލްގައި ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ވަނީ ހޯދާފައެވެ.