ސިއްހަތު

އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރުމަށް އަންގައިފި


އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އަންގަވައިފިއެވެ.

އެމް.އެފް.ޑީ.އޭއިން މިގޮތަށް އަންގަވާފައި މިވަނީ އެމްބެސެޑަރ ބްރޭންޑުގެ "ވެޖިޓަބަލް ކްރީމް" އުފެއްދުމުގައި ބޭނުންކޮށްފައިވާ ބާވަތެއްކަމަށްވާ "ލޯކަސްޓް ބީމް ގަމް" ކެމިކަލެއްގެ ސަބަބުން ތަޣައްޔަރުވެފައިވާތީއެވެ. މި އިންގްރީޑިއަންޓް ތަޣައްޔަރުވެފައިވަނީ "އެތިލީން އޮކްސައިޑް" ނަމަކަށްކިޔާ ކެމިކަލަކުންނެވެ. އެކަން ޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުގެ ފަރާތުން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެއެވެ.

މި އުފެއްދުން ރާއްޖެއަށްވެސް އެތެރެވެފައިވާތީ، މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން އެ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި، ބޭނުން ނުކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

އެމް.އެފް.ޑީ.އޭއިން ދާދިފަހުން ވަނީ ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ތަށިތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. "މުޝީ" ބްރޭންޑްގެ ސިިކޯން ސަކްޝަން ޕްލޭޓާއި، ސިލިކޯން ސްނެކް ކަޕު ބޭނުން ނުކުރުމަށް އެމް.އެފް.ޑީ.އޭއިން އަންގާފައިވަނީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.