ޚަބަރު

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާއި ވާދަކުރުމުގެ ފުރުޞަތު ދީމާއަށް ލިބިއްޖެ


ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

މިއީ ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ވާދަކުރާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދިން ފުރުސަތެއްގައި ދީމާ ވާދަކުރާ ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތް ކުރިއަށްދާނީ މިއަންނަ މަހުގެ 18 އިން 22އަށް ޕޯޗުގަލްގައެވެ.

ދީމާއަކީ ރާއްޖޭގެ ޓޭބަލް ޓެނިސްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ދީމާ އަލީއަށް ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންއިން އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންއަށް ބަލާއިރު، 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ލިސްޓްއިން ދީމާއޮތީ 15ވަނައިގައެވެ.

ޕޯޗުގަލްގައި ބާއްވާ ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކުރަނީ ދުނިޔޭގެ ރޭންކިންގެ 15 އަހަރުން ދަށުގެ އެންމެ މޮޅު 30 ކުޅުންތެރިންނެވެ. މި މުބާރާތުގައި ދީމާ ވާދަކުރާނީވެސް 15 އަހަރުން ދަށުގެ ކެޓަގަރީގައިއެވެ. ދީމާގެ ކުރިއެރުމަށް ސަރުކާރުންނާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފް އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ދީމާ ދިރިއުޅޭ ސްރީލަންކާގައި ދިމާއަށް ޚާއްސަ ތަމްރީނުތަކެއް ކުރުމަށްވެސް ފުރުސަތުވަނީ ހޯދާދީފައެވެ.

2019ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ދީމާވަނީ ރާއްޖެއަށް ތިން ރަން މެޑަލް ހޯދާދީފައެވެ. އަދި ދީމާވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދާ އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދާފައެވެ.