ޚަބަރު

ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓުތަކުން އާންމު އުސޫލުން ޚިދުމަތް ދިނުމަށް ހުއްދަދީފި


ކެފޭ ރެސްޓޯރެންޓްތަކާއި، ވިޔަފާރި ކުރާ ތަންތަނުގައި އާންމު އުސޫލުން ޚިދުމަތް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕިއޭއިން ހުއްދަ ދީފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާއިރު، މިހާލަތުގައި ކުރިންވެސް ހިދުމަތް ދިންގޮތަށް ގިނަ ޚިދުމަތްތަކެއް ދިނުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދެއްވާފައެވެ. އެގޮތުން ދިން ލުއިތަކުގެ ތެރޭގައި، ކެފޭ، ރެސްޓޯރެންޓުތަކާއި ފިހާރަތާކާއި، ވިޔަފާރިކުރާ އެހެން ތަންތަނުންވެސް ކުރިންވެސް ޚިދުމަތް ދިން އުސޫލުން ޚިދުމަތް ދެވޭނެ ގޮތަށް ވަނީ ހުއްދަ ދީފައެވެ.

ދިގު މުއްދަތަކަށްފަހު، އާއްމުންނަށް ހުޅުވާލައިގެން ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތްދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު، މިފަދަ ތަންތަނުގައިވެސް ގައިޑްލައިންތަކާއި އެއްގޮތަށް ޚިދުމަތް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ފިހާރަތަކާއި، އެނޫންވެސް ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން، ޚިދުމަތް ހޯދަންދާ ފަރަތްތަކުންވެސް މާސްކް އުޅުމާއި، ސެނަޓައިޒް ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ވަނީ އަންގާފައެވެ.