ޚަބަރު

ގޯލްކީޕާސް އެކެޑަމީގެ މަސައްކަތް ފަށައިފި


ފެންވަރު ރަނގަޅު ދިވެހި ގޯލް ކީޕަރުން އުފެއްދުމަށް އެފްއޭއެމްގެ ގޯލްކީޕާސް އެކެޑަމީ ޕްރޮގްރާމް ފަށައިފިއެވެ.

2019ވަނަ އަހަރު އެފްއޭއެމްއިން ޢިޢުލާންކުރި މި މަސައްކަތް އެފްއޭއެމްއިން މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި އެކަޑަމީގެ ޕްރިގްރާމްތަށް ކުރިއަށްދާނީ ޤައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމްގެ ބެލުމުގެ ދަށުންނެވެ. މިފަހަރު ފެށި އެފްއޭއެމްގެ ގޯލްކީޕާސް އެކެޑަމީ ޕްރޮގްރާމް ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ގުރޫޕް އޭ، ބީ އަދި ސީއެވެ.

މި ތިން ގުރޫޕްގެ ތެރެއިން ގުރޫޕް އޭއަކީ ފުޓުބޯޅަ ދަސްކުރާ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ބައެވެ. ގުރޫޕް އޭގެ ޕްރޮގްރާމްތަށް ކުރިއަށްދާނީ ކޮންމެ ހަފުތާއަކު ދެ ދުވަހުއެވެ. ގްރޫޕް ބީއަކީ ޓްރެއިނިން ޓު ޓްރެއިން ކެޓަގަރީއެވެ. މި ކެޓެގަރީއަކީ ތަމްރީން ހަދައިގެން، މަސައްކަތްކޮށްގެން ދަސްކުރާ ކެޓަރީއެކެވެ. ޕްރޮފެޝަނަލް ލެވަލްގައި ކުޅެން ބޭނުންވާ ކުދިންނަށް ޚާއްސަ މިކެޓަގަރީގެ ތަމްރީނުތަށް ހަފުތާއަކު 4 ދުވަހު ކުރިއަށްދާއިރު، މިބައިގައި ބައިވެރިވެވޭނީ އުމުރުން 14 އަދި 15 އަހަރުން ދަށުގެ ކުދިންނަށްކަމަށް އެފްއޭއެމްއިން މަޢުލުމާތު ދެއެވެ. ގުރޫޕް ސީއަކީ ޕްރޮފެޝަނަލް ކީޕަރުންނަށް ވުމަށް ނުވަތަ ޖޫނިއަރ ކީޕަރުންނަށް ޚާއްސަ ކެޓަރީއެކެވެ. މިބައިގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ކުދިންނަށެވެ. އެންމެ މަތީ ފަންތިއަކަށް ދާން މަސައްކަތް ކުރާ ކީޕަރުންނަށް ޚާއްސަ މިކެޓަގަރީގެ ތަމްރީންތަށް ހަފުތާއަކު 6 ދުވަހު ކުރިއަށްދާނެއެވެ.

އެފްއޭއެމުން ބުނީ ގޯލްކީޕަރުންގެ އެކެޑަމީގެ ތަމްރީންތައް ކުރިއަށްދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ރެޔަކު 19:00 އިން 20:30 ގެ ނިޔަލަށް ޓާފް ދަނޑުގައި ކަމަށެވެ. އެފްއޭއެމްއިން މީގެ ކުރިންވެސް ދިވެހި ކީޕަރުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.