ޚަބަރު

ރާއްޖެއިން އިތުރު 3،520 މީހުން ވެކްސިން ފުރިހަމަކޮށްފި


އިތުރު 3500އަށް ވުރެ ގިނަ މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 278،000އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 3520 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަ ކުރި 1725 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި 1795 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 278،469 އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު ޖަހާފައިވަނީ 1279 މީހުންނެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 598 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 681 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 322،710 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ސަރުކާރުން މިހާރު އަނެއްކާވެސް ވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އާ ޕްރޮގްރާމެއް ފަށާފައެވެ. އަދި އެސްޓްރަޒެނަކާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.