ޚަބަރު

އިންޑިޔާގެ މަނަވަރުތައް ދެކުނު ޗައިނާ ކަނޑަށް


އިންޑިޔާގެ އަސްކަރީ މަނަވަރުތައް ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގައި ޙަރަކާތްތެރިވުމަށް ފޮނުވުމަށް ނިންމައިފިއެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން ބުނެފައިވާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގައި ޙަރަކާތްތެރިވާ މަނަވަރުތަކުން އެ ސަރަޙައްދުގެ ރަޙްމަތްތެރި ޤައުމުތަކުގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރުމަށް އެހީތެރިވާނެކަމަށެވެ. އިންޑިޔާގެ ނިންމުމުގެ ސަބަބުން ޗައިނާއާ ދެމެދު އޮންނަ ހީނަރުވެފައިވާ ގުޅުންތަކަށް އަސަރުކުރާނެކަމަށް ބެލެވެއެވެ. އަދި އެއީ ދެކުނު ޗައިނާ ކަނޑުގައި އިންޑިޔާގެ ދަޢުރު ފުޅާކުރުމަށް ބޭނުންވާކަން ދައްކުވައިދޭ ނިންމުމެކެވެ.

އިންޑިޔާއާއި ޗައިނާއަކީ ޒަމާނުއްސުރެ ހަތުރުވެރި ދެ ޤައުމެވެ. މިދިޔަ އަހަރުގެ ތެރޭގައި ސަރަޙައްދީ ރޮނގުގެ މައްސަލައެއްގައި ދެބަސްވެ ޗައިނާއާއި އިންޑިޔާއާ ދެމެދު ޙަމަލާތަކެއްވެސްވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު އިންޑިޔާއާއި އެމެރިކާގެ ގުޅުންތައްވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޗައިނާގެ ނުފޫޒާއި ބާރުވެރިކަން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމާ ދެކޮޅަށް ދުނިޔޭގެ ޤައުމުތައް އެއްބައިވަންތަކުރުމުގެ މަސައްކަތް އެމެރިކާއިންވަނީ ފަށައިފައެވެ. އެ ގޮތުން މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޗައިނާއިން ކުރިމަތިވަމުންދާ ނުރައްކަލާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ބޭއްވި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ބައްދަލުވުމެއްގައިވެސް ބައިޑަންވަނީ އެ މޭރުމުން ވާހަކަދައްކަވައިފައެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑަށް ހަތަރު މަނަވަރު ފޮނުވަން ނިންމާފައިވާކަމަށެވެ. އެ ގޮތުން މިސައިލް ޙަމަލާތައް ދިނުމުގެ ޤާބިލުކަން ލިބިފައިވާ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުގެ އިތުރުން ދެކުނުއިރުމަތީ އޭޝިޔާއާއި ޕެސިފިކް ކަނޑުގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެމެރިކާއާއި ޖަޕާނާއި އޮސްޓުރޭލިޔާއާ ގުޅިގެން ބާއްވައި އަސްކަރީ ތަމުރީނުތަކެއްގައި އެ މަނަވަރުތަކުން ބައިވެރިވާނެއެވެ.

ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި އެ ޤައުމުން ދަޢުވާކުރާ ދެކުނު ޗައިނާ ކަނޑުގައި އެ ޤައުމާ ދެކޮޅު ޤައުމުތަކުން އަސްކަރީ ގޮތުން ޙަރަކާތްތެރިވުންވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެ ގޮތުން އެމެރިކާގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ އެއް މަނަވަރުވަނީ ޖޫން މަހުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގައި ޙަރަކާތްތެރިވެފައެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ދާޢިމީ ގޮތެއްގައި އިނގިރޭސިވިލާތުގެ މަނަވަރުތައް ޙަރަކާތްތެރިވާނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.