ވިޔަފާރި

"ދަ ކްރީކް ވިއު" މިކްސްޑް ޔޫސްޑް އެޕާޓްމަންޓްސް އިފްތިތާހުކޮށްފި


ދަ ކްރީކް ވިއު" މިކްސްޑް ޔޫސްޑް އެޕާޓްމަންޓްސް ބިލްޑިންގ އިފްތިތާހުކޮށްފިއެވެ. މި މަޝްރޫއު އިފްތިތާހު ކުރުމަށް މާގިރި ހޮޓެލްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ދަ ކްރީކް ވިއު ހައުސިން މަޝްރޫއަކީ ރާއްޖޭގައި އިމާރާތް ކުރުމާއި ކޮންޓްރެކްޓިންގެ ދާއިރާގެ ދެ ކުންފުނި ކަމަށްވާ ސާސްއީ ކޮންސްޓްރަކްޝަން އާއި ގްލަޓް އިންވެސްޓްމަންޓްގެ ޖޮއިންޓް ވެންޗަރ ކުންފުނިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން 114 މިކްސްޑް ޔޫސްޑް އެޕާޓްމަންޓްސް އިމާރާތް ކުރާނެއެވެ. އޭގެތެރޭގައި 44 ލަގްޒަރީ އެޕާޓްމަންޓް ހިމެނެއެވެ. އަދި 70 އެޕާޓްމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންޓްރޯލް އަގުތަކެއްގައެވެ. އެގޮތުން އެޕާޓްމަންޓްތައް ވިއްކާނީ އަކަފޫޓަކަށް 2185 ރުފިޔާ ޖެހޭ ގޮތަށެވެ. މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 36 މަސްދުވަހުގެ ތެރޭގައެވެ.

މަޝްރޫއު އިފްތިތާހު ކުރުމަށް މާގިރި ހޮޓަލުގައި ބޭއްވި ހަފްލާގައި ވަނީ ދަ ކްރީކް ވިއުގެ އޮފިޝަލް ވެބްސައިޓު އިފްތިތާހު ކޮށްފައެވެ. ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ، ސާސް އީ ގްލެޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.

މިހަފްލާގައި ދަ ކްރީކް ވިއުއާބެހޭގޮތުން މައުލޫމާތު ދެއްވަމުން ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވީ، ދަ ކްރީކް ވިއު ހައުސިން މަޝްރޫއު ފަރުމާކުރެވިފައިވަނީ ޖާގައިގެ ގޮތުން ތަނަވަސްވެފައި ރަނގަޅު ފެންވަރުގެ ވެންޓިލޭޝަނާއެކު ސާދާ ގެވެހި ދިރިއުޅުމެއް ހިތްފަސޭހަކަމާއެކު، އުޅުމަށް ބޭނުންވާނެ ކަންކަމަށް ވިސްނައިގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓް، ތިން ކޮޓަރީގެ އެޕާޓްމަންޓް، ހަތަރު ކޮޓަރީގެ އެޕާޓްމަންޓްގެ އިތުރުން ތިން ކޮޓަރިއާއެކު ކުޑަ އެއް ކޮޓަރި ނުވަތަ މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތައްވެސް ހުންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"ދަ ކްރީކް ވިއު" އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ކުރެދިމާ ހިނގުމުގައެވެ. އިމާރާތް ހުންނާނީ ދެވަނަ ފިޔަވައްސަށްވާގޮތަށް ހުންނަ މަގުގައެވެ. އިމާރާތުގައި ސްވިމިން ޕޫލާއެކު ކުދިން ކުޅުމަށް ޚާއްސަ ބައެއް ހުރުމުގެ އިތުރުން ޕާކު ކުރުމުގެ ޚިދުމަތާއި، ވިޔަފާރީގެ ޚިދުމަތްވެސް ލިބެންހުންނާނެއެވެ.

އެޗްޑީސީގެ ފަރާތުން އިއުލާނުކުރި "ޑިވެލޮޕްމަންޓް އެންޑް ސޭލް އޮފް މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް އިން ހުޅުމާލެ" ހައުސިން މަޝްރޫއަށް ސާސް އީ ގްލެޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްއިން ބިޑު ހުށައެޅީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ 8 ވަނަ ދުވަހުއެވެ. އަދި ބިޑު ކާމިޔާބުކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.