ޚަބަރު

ސްޕެއިން އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓުގެ ފައިނަލަށް


ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓުބޯޅައިގެ ފިރިހެން އިވެންޓުގެ ފައިނަލުގެ ފަހު ޖާގަ ސްޕެއިން ކަށަވަރުކޮށްފިއެވެ.

މިބައިގެ ފައިނަލުން ސްޕެއިން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޖަޕާންއާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތު ކުޅެ، އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން އުފެއްދި ހަމަލާތަށް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރިހަމަ ވަގުތު ހަމަވީއިރު ލަނޑެއް ނުފެނުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުމެވެ. އަދި އިތުރު ވަގުތުގައިވެސް ކުޅުން ދިޔަ ގޮތުން ދެވަނަ ސެމީ ފައިނަލްވެސް ޕެނަލްޓީއަށް ހިނގައިދާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ސްޕެއިންގެ މާކޯ އަސެންސިއޯ އިތުރު ވަގުތުގެ ކުޅުން ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިން ލަނޑާއެކު ސްޕެއިންއިން މި މެޗު ކާމިޔާބުކުރިއެވެ.

މި ކާމިޔާބީއާއެކު ސްޕެއިން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއިރު ފައިނަލުގައި ބައްދަލުކުރާނީ ބްރެޒިލްއާއެވެ. އަދި ޖަޕާނު ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ މެކްސިކޯއާއެވެ.