ދުނިޔެ

އެމެރިކާ ސިފައިން އިރާޤަށް ފޮނުވުމާ އިރާޤުން ދެކޮޅު!


އެމެރިކާގެ
ޤާނޫނު ހަދާ މަޖިލީހުގެ ތިރި ގެ، ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ އާރމްޑް
ސާރވިސަސްއާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާޢި ވަޒީރު
އެޝްޓަން ކާރޓަރ ވިދާޅުވީ، އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް ހަނގުރާމަވެރިންނާ
ދެކޮޅަށް އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ހާއްސަ އަސްކަރީ
ތަމްރީނު ލިބިފައި ތިބި ސިފައިންގެ ފައުޖެއް އެމެރިކާއިން އިރާޤަށް ފޮނުވާނެ
ކަމަށެވެ.

މި
ފައުޖުތަކުގެ މަސައްކަތްތަކުގެ ތެރޭގައި އައި.އެސް ޖަމާޢަތުން ރަހީނުންގެ ގޮތުގައި
ހިފާ އެކި ގައުމުތަކުގެ މީހުން މިނިވަންކުރުމާ އައި.އެސް ޖަމާޢަތުގެ ލީޑަރުން
ހައްޔަރު ކުރުން ހިމެނޭ ކަމަށެވެ.

އެޝްޓަންގެ
ވާހަކައިގައި ވަނީ މި ފައުޖުތައް ސޫރިޔާއަށް ވަދެ އެކި އެކި އަަސްކަރީ
އޮޕަރޭޝަންތައް ހިންގާނެ ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

އެޝްޓަން
ވިދާޅުވީ، ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އިދިކޮޅު
ހަނގުރާމަވެރިންނަށް ތަމްރީނު ދިނުމަކީ ޙާއްސަ އަހައްމިޔަތު ކަމެއް ދީގެން
ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.

އެޝްޓަން
ވިދާޅުވީ، އިރާޤުގައި އެމެރިކާގެ ޙާއްސަ ފައުޖުތައް މަސައްކަތް ކުރާނީ އެގައުމުގެ
ސަރުކާރާ ގުޅިގެން ކަމަށެވެ. އެމެރިކާގެ މި ނިންމުމާއި ގުޅިގެން އިރާޤަށް ފޮނުވާނެ
ފައުޖުގެ އަދަދެއް އެ ޤައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިކަމުގައި
އިރާޤު ސަރުކާރުން ވަނީ އެހެން ގައުމެއްގެ އަސްކަރިއްޔާއިން އިރާޤުގެ ބިމުގައި
އަސްކަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަ ނުދޭ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން
އިރާޤުގެ ބޮޑު ވަޒީރު ހައިދަރު ޢަލް  އާބަދީގެ
އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިރާޤުގައި އެހެން ގައުމަކުން އަސްކަރީ
އޮޕަރޭޝަނެއް ހިންގޭނީ އިރާޤު ސަރުކާރުގެ ފުރިހަމަ ހުއްދައާ އަސްކަރިއްޔާގެ
އެއްބާރުލުން ލިބިގެން ކަމަށެވެ.

އަދި
 އައި.އެސްއާ ދެކޮޅަށް އިރާާޤުން
އެއްގަމު މަގުން ކުރާ ހަނގުރާމައިގައި އެހެން ގައުމެއްގެ އަސްކަރީ އެހީ އިރާޤުން ބޭނުން
ނުވާ ކަމަށެވެ.