ޚަބަރު

ސިޑުނީގެ ފުރަބަންދަށް ލުއިތަކެއް ދޭނީ އާބާދީގެ %50 ވެކްސިން ޖެހުމުން


އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސިޓީކަމަށްވާ ސިޑުނީގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދޭނީ އާބާދީގެ %50 ވެކްސިން ޖެހުމުންކަމަށް ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުން ބުނެފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު އޮސްޓުރޭލިޔާގެ އެކި ސަރަޙައްދުތަކުގައި ފެތުރެން ފެށުމުން ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން އެ ޤައުމަށްވަނީ ޖެހިފައެވެ. އެ ގޮތުން ފާއިތުވި ހަފުތާތަކުގައި ނިޔު ސައުތު ވޭލްސްގައި ބަލިމަޑުކަން ފެތުރި 16 މަސްދުވަސް ފަހުން އެ ސުޓޭޓުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. އެއާއެކު އޮގަސްޓު މަހުގެ ނިޔަލަށް ފުރަބަންދުގެ އުޞޫލުތައްވަނީ އެ ސުޓޭޓުގައި އިޢުލާންކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އޮސްޓުރޭލިޔާގެ އަސްކަރިއްޔާއިންވަނީ ނުކުމެފައެވެ.

ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި 199 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އަދި އޮގަސްޓު މަހުގެ ނިޔަލަށް ކޯވިޑް-19ގެ ވެކްސިންގެ 6 މިލިޔަން ޑޯޒު އެ ސުޓޭޓުގައި ދިނުމަށް ނިންމާފައިވާކަމަށްވެސް ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުންވަނީ ބުނެފައެވެ. އެއާއެކު 5 މިލިޔަން މީހުން ދިރިއުޅޭ ނިޔު ސައުތު ވޭލްސްގެ އާބާދީ 50 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދެވޭނެކަމަށް އެ ސުޓޭޓުގެ ސަރުކާރުން ޤަބޫލުކުރެއެވެ. އަދި އާބާދީ 50 އިންސައްތަ މީހުން ވެކްސިން ޖެހުމުން ފުރަބަންދުގެ އުޞޫލުތަކަށް އޮގަސްޓު މަހުގެ 29ވަނަ ދުވަހުގެ ފަހުން ލުއިތަކެއް ދެވޭނެކަމަށް ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުންވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ އޮސްޓުރޭލިޔާއަކީ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ބުނާ އެއް ޤައުމެވެ. 25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގައި 34,500 މީހުންނަށް ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.