ޚަބަރު

ޤައުމުގެ މަސްލަހަތު ގެއްލޭ ކަމެއްގައި ޕީޕީއެމް/ޕީއެންސީއާއި ބައިއަތު ނުހިފާނަން: އެމްއާރުއެމް


ޤައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެފަދަ ކަމެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ބައިއަތު ނުހިފާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން މިފަދައިން ބުނެފައިވަނީ އިދިކޮޅު ކޯލިޝަނާއި ބައިވެރިވުމަށް ދެއްވި ދައުވަތާއި ގުޅިގެން، އިދިކޮޅު ކޯލިޝަނަށް ދެއްވި ޖަވާބުގައެވެ. އެމްއާރުއެމްގެ ތަރުޖަމާނު އަބްދުﷲ އަލީމް ވިދާޅުވީ އެމްއާރުއެމްއަކީ ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީއެއް ކަމަށެވެ. އެމްއާރުއެމްއިން ސަރުކާރު ކޯލިޝަނާއި ވެކިވެ، ޤައުމުގެ މަސްލަހަތު ގެއްލޭގަފަ އެއްވެސް ކަމަކަށް ތާއީދުނުކުރާނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

"އެމްއާރުއެމްއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް. އެހެން ކަމުން އެމްއާރުއެމް މިހާރު އޮތް ކޯލިޝަނުން ވަކިވެގެން، ޤައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާކަމަށް ވާނީ އަންގާފަ." އަލީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ކެމްޕެއިނެއްގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ އިތުރުން އަދާލަތު ޕާޓީއަށާއި، ޖުމްހޫރީ ޕާޓީއަށްވެސް ވަނީ ދައުވަތު ދީފައެވެ. ނަމަވެސް އެދެޕާޓީންވެސް ވަނީ ދަޢުވަތު ޤަބޫލުނުކޮށް، އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ނުކުރާނެކަމަށް ބުނެފައެވެ.