ޚަބަރު

މާރންސް އާއި ނަވާ ހައްޖު ގުރޫޕްގެ، އުމްރާ ދަތުރު ލޯފަން މީހަކަށް


އއ.މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެންޑް ސްޕޯރޓް (މާރންސް) އާއި ނަވާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުގެ އުމްރާ ދަތުރު، މަތިވެރީ ލޯފަން މީހަކަށް ދީފިއެވެ.

އއ.މަތިވެރީ މާންސް ޖަމްއިއްޔާއަކީ އެރަށުގެ ތަރައްޤީއަށާއި، ރަށުގެ އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވާ ޖަމްއިއްޔާއެކެވެ. ރަށުގައިި ހިންގޭ އެކިއެކި މަސައްކަތްތަކުގައާއި، ހިންގޭ އެކި މުބާރާތްތަކާއި، އާންމު ފަރުދުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި މާންސް ޖަމްއިއްޔާއިން ގެންދަނީ ބައިވެރިވަމުންނެވެ.

މީގެ އިތުރުން ދީނީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި، ދީނީ އަޅުކަންތަކަށް މީހުންނަށް ފުރުސަތު ތަނަވަސް ކުރުމަށް މާންސް ޖަމްއިއްޔާއިން އިސްނަގައިގެން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ބޭނުންވެ، އެކަން ނުވެފައިވާ މީހުންނަށް އެފުރުސަތު ތަނަސް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެރަށު ލޯފަން މީހެއް ކަމުގައިވާ ނޫރާނީފެހި، އަބްދުﷲ ނަޢީމަށް ވަނީ އުމްރާ ދަތުރެއް ދީފައެވެ.

ނައީމަކީ ލޯފަން މީހަކަށް ވީނަމަވެސް ދީނީ ކަންކަމަށް ނުހަނު ލޯބިކުރާ، ބަރާބަރަށް ފަރުޟު ފަސްނަމާދު މިސްކިތަށް ގޮސް އަދާކުރަމުންދާ މީހެއްކެވެ. މާރންސް ޖަމްއިއްޔާއިން އިސްނަގައިގެން ދިން މި އުމުރާ ދަތުރަކީ އެ ޖަމްއިއްޔާގެ މުވައްސިސް މުސްއަބު މޫސާގެ މަންމަ އަލްމަރުހޫމާ ނަސްރީނާ އަބްދުލް ޤާދިރުގެ ހަނދާނުގައި ދިނުމަށް ނިންމާފައިވާ އުމުރާ ދަތުރެކެވެ.

މަތިވެރީގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މިދިޔަ ރޯދަ މަހުގެ ތެރޭގައި މާރންސް އިން ވަނީ އެރަށުގެ ހުރިހާ ގެއަކަށް މުސްހަފުވެސް ހަދިޔާ ކޮށްފައެވެ.