ދުނިޔޭގެ ވިޔަފާރި

އެޗްއެސްބީސީގެ ފައިދާ ދެގުނައަށް އިތުރުވެއްޖެ


އިނގިރޭސިވިލާތުގެ މަލްޓިނޭޝަނަލް އިންވެސްޓްމެންޓް ބޭންކް އެޗްއެސްބީސީއަށް ޓެކްސް ހިމަނައިގެން ލިބުނު ފައިދާ ލަފާކުރިވަރަށްވުރެ ދެގުނަ އިތުރުވެއްޖެއެވެ.

ޖެނުއަރީ އިން ޖޫން މަހުގެ ނިއަލަށް ޓެކްސް ހިމަނައިގެން ބޭންކަށް ވަނީ 10.84 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައެވެ. އިޤްތިސާދީ މާހިރުން ލަފާކުރި ގޮތުގައި މިޢަދަދު އަރާނީ 9.45 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުންގެ ޢާމްދަނީ ވަނީ 25.5 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. އަދި މިއީ އިޤްތިސާދީ މާހިރުން ލަފާކޮށްފައިވާ 25.52 ބިލިއަން އެމެރިކާ ޑޮލަރާއި ދާދި އެއްވަރުގެ ޢަދަދެކެވެ.

އެޗްއެސްބީސީގެ ޗީފް އެގްޒެކްޓިވް ނޮއެލް ކުއިން ވިދާޅުވިގޮތުގައި ކުރިއެރުން އަންނާނީ އިންވެސްޓްކުރާނެ ރަނގަޅު ގޮތްތަކެއް އެމެރިކާ އާއި ޔޫރަޕުން އޭޝިއާއަށް ބަދަލުކޮށް އިންވެސްޓް ކުރާނެ ފުރުޞަތުތަކެއް ފޯރުކޮށްދިނުމުންކަމަށެވެ. މީގެއިތުރުން ޗައިނާ އާއި އޭޝިއާގައި އިންވެސްޓް ކުރާނެ ރަނގަޅު ފުރުޞަތުތަކެއް ހުރިކަންވެސް ނޮއެލް ފާހަގަކުރެއެވެ.