ޚަބަރު

އޮލިމްޕިކްސްގެ ފައިނަލުން ކެނެޑާ ޖާގަ ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުޓުބޯޅައިގެ އަންހެން އިވެންޓްގެ ފައިނަލުން ކެނެޑާ ޖާގަހޯދައިފިއެވެ. ކެނެޑާ މިބައިން ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި އެމެރިކާ އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ކެނެޑާއިން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި ކެނެޑާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޖެސީ ފްލެމިންގ އެވެ. ކެނެޑާއި ޑީން ރޯސް އަށް އެމެރިކާގެ ޓިއަރނާ ޑޭވިޑްސަން ކުރި ފައުލާއި ގުޅިގެން ދިން މިޕެނަލްޓީގެ ފައުލް އެންމެ ފުރަތަމަ ރެފްރީގެ ލޮލުގައި އަޅައިނުގަތް ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީ ދޭ ގޮތަށް ނިންމީއެވެ.

މިއީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފައިނަލަށް ނުގޮސް އެމެރިކާ ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެވަނަ މުބާރާތެވެ. އަދި މިއީ އެމެރިކާގެ މައްޗަށް 2001 ވަނަ އަހަރަށްފަހު ކެނެޑާއަށް ކުރި ލިބުނު ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެމެރިކާގެ މޭގަން ރެޕިނޯއި ހާމަކުރިގޮތުގައި މިފަހަރުގެ މުބާރާތުގައި އެމެރިކާއަށް މާރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އަދި މުޅި މުބާރާތުގައިވެސް ވަރަށް ގިނަ މިސްޓޭކް ހެދިފައިވާކަމަށް އޭނާ ހާމަކުރިއެވެ. އުމުރުން 36 އަހަރުގެ މޭގަން ހާމަކުރިގޮތުގައި އެމެރިކާއިން ކެނެޑާ އަތުން ބަލިވާން ބޭނުން ނުވާނެ ކަމަށާއި މީގެކުރިން އޭނާ ދުވަހަކުވެސް ކެނެޑާއަތުން ބަލިވެފައި ނުވާކަމަށް އޭނާ ހާމަކުރިއެވެ. މިއީ ވަރަށް ހިތްދަތި ބައްޔެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.