ޚަބަރު

ރަހްމަތްތެރިކަމުގެ މެޗެއްގައި ޗެލްސީން އާސެނަލްގެ މައްޗަށް ކުރި ހޯދައިފި


އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލިޝް ޕްރިމިއަރ ލީގުގެ ދެޓީމް ކަމަށްވާ ޗެލްސީ އާއި އާސެނަލް ބައްދަލުކުރި ރަހްމަތްތެރިކަމުގެ މެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގައި ޖަހާދިނީ ޗެލްސީގެ ކައި ހަވާޓްޒްއެވެ. މިމެޗްގައި އާސެނަލްގެ ހަމައެކަނި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދިނީ ގްރަނިޓް ރަކާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓު ފަހުން މިމެޗުން ޗެލްސީ މޮޅުވި ލަނޑު ޖަހާދިނީ ޓަމީ އަބްރަހަމްއެވެ. މިމެޗް ނިމެން އުޅެނިކޮށް އާސެނަލްގެ ޖޯ ވިލޮކް ފޮނުވާލި ހަމަލައެއް ވަނީ ދަނޑީގައި ޖެހި ގޯލް ރޮނގު ހުރަސް ކުރިކަމަށް ބެލެވިފައެވެ. ނަމަވެސް ގޯލް ލައިން ޓެކްނޮލޮޖީ މިމެޗްގައި ބޭނުން ކޮށްފައި ނުވާތީ އާއި ރެފްރީއަށް ފެނިފައިނުވާތީ އެހަމަލާ ލަނޑަކަށް ބަލާފައެއް ނުވެއެވެ.

މިމެޗްގައި އާސެނަލްގެ މެދުތެރެއަށް ކުޅޭ ތޯމަސް ޕާޓޭގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ދަނޑުން ބާލާފައެވެ. އަދި ސްކޭން އެއް ކުރަން ޖެހޭ ކަމަށް އާސެނަލްއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އާސެނަލްއަށް އާސީޒަނަށް ގެންދިޔަ ތިން ކުޅުންތެރިންކަމަށްވާ ބެން ވައިޓް އާއި އެލްބަރޓް ސަމްބީ ލޮކޮންގާ އާއި ނޫނޯ ޓަވަރެސްވަނީ ދެވަނަ ހާފްގައި ކުޅެން އަރާފައެވެ. މިމެޗް ބަލާލުމަށް 20 ހާސް ސަޕޯޓަރުންނަށް ފުރުސަތު ލިބިގެންދިޔައެވެ.