ޚަބަރު

ޔުކްރޭންގެ ކޯޗު ކަމުން ޝެވްޗެންކޯ ވަކިވެއްޖެ


ޔޫކްރެއިނުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމުން އަންދްރޭ ޝެވްޗެންކޯ ވަކިވެއްޖެއެވެ.

ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ޔޫރޯގައި ޔޫކްރެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޔޫކްރެއިން ވާދަކުރިއިރު، ކުއާޓާއިން ޔޫކްރެއިން ކެޓީ ރަނަރަޕްކަން ހޯދި އިންގްލެންޑް އަތުން 4-0ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

ޝެވްޗެންކޯ އެންމެ ފުރަތަމަ ޔޫކްރެއިން ޓީމާ ހަވާލުވީ 2016 ވަނަ އަހަރު ފެބްރުއަރީ މަހު އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ. އެ އަހަރުގެ ޔޫރޯއަށްފަހު ޔޫކްރެއިން ކޯޗުގެ މަޤާމުން މައިހޭލޯ ފޮމެންކޯ ވަކިކޮށް، ޝެވްޗެންކޯއަށްވަނީ ޤައުމީ ޓީމުގެ ހެޑް ކޯޗުކަން ރަސްމީކޮށް ހަވާލުކޮށްފައެވެ.

ޝެވްޗެންކޯ ވަނީ އަމިއްލަ އިންސްޓާގްރާމުގައި ހިއްސާކުރި މެސެޖެއްގައި ޔޫކްރެއިންގެ ކޯޗުކަމުން ވަކިވިކަން އިއުލާން ކޮށްފައެވެ. އޭނާ މިހާތަނަށް ޓީމަކަށް އިރުޝާދު ދީފައިވަނީވެސް ޔޫކްރެއިންގެ ޤައުމީ ފުޓުބޯޅަ ޓީމަށް އެކަންޏެވެ. މި ފަހަރުގެ ޔޫރޯގެ ކުއާޓަރ ފައިނަލުގައި ޔޫކްރެއިން ވާދަކުރިއިރު، މިއީ އެ ޤައުމުގެ ތާރީޚުގައި މި މުބާރާތުގެ ކުއާޓާގައި ކުޅުނު ފުރަތަމަ ފަހަރެވެ.