ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ކުރިއަށްގެންދާނީ އާއްމު ހާލަތާ އެއްގޮތަށް: އެޑިއުކޭޝަން


އަންނަ ދިރާސީ އަހަރު ސްކޫލްތަކަށް ކުދިން ހާޒިރުވެގެން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާއިރު ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާއްމު ހާލަތުގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުއްވި ސަރކިއުލާގައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަންގަވާފައެވެ.

2021-2022ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިޙާލަތަކީވެސް ކޯވިޑުގެ ކޭސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަމުންދާ ދުވަސްވަރެއް ކަމަށްވާތީ، ސްކޫލުތައް ހުޅުވާއިރު ހުރިހާ ފަރާތްތަކުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެހާ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ އަންގަވާފައެވެ.

ރައްކާތެރިވުމުގެ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:

  • * ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ޙާލަތު ގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު. ފުރަތަމަ ދެ ހަފްތާގައި މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކަށް ތަފާތުކޮށް، ވީހާވެސް ތޮއްޖެހުން ކުޑަވާގޮތަކަށް އިންތިޒާމް ކުރުން.
  • * ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާގޮތަށް ދޮރުތައް ހުރިހާ ވަގުތެއްގައިވެސް ހުޅުވައިފައި ބެހެއްޓުން
  • * ކްލާސްރޫމް ތަރުތީބު ކުރުމާއި ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި ގައިދުރުކަން ބެހެއްޓުން.
  • * އެއަރކޮންޑިޝަން ކުރެވިފައިވާ ކްލާސްރޫމްތަކުގައި ދަރިވަރުންގެ މެދުގައި 3 ފޫޓު ދުރުމިން ބެހެއްޓުން.
  • * 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން އެނބުރިއައިސްފައިވާ ދަރިވަރުންނާއި މުވައްޒަފުން، ރާއްޖެ އެނބުރި އަންނަތާ 5 ދުވަހާއި 7 ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާ ނައްސި ވެފައިވާކަން ކަށަވަރު
  • * 2021 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މޮނިޓަރިންގެ ގެ ޙާލަތުގައިވާ ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާންޖެހޭ ސްކޫލް ހުންނަ ރަށަށް އެނބުރި އަންނަތާ 5 ދުވަހާއި 7 ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާ ނައްސިވެފައިވާކަން ކަށަވަރުކުރުން.
  • * ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުމަށް ފުރުޞަތުދިނުން.
  • * އައު އާންމު ޙާލަތުގައި ސްކޫލުގެ ކިޔަވައިދިނުން ކުރިއަށް ގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް؛ ދަރިވަރުން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިއެކޭ އެއްފަދައިން ކުރިއަށް ގެންދިއުން.
  • * ދުވަހީ ތާވަލުގައި ދަރިވަރުންނަށް މާސްކާއި ނުލައި 3 ފޫޓު ދުރުމިނުގައި ތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ހިމެނުން. މި ވަގުތުކޮޅު ތޮއްނުޖެހޭގޮތަށް އެކި ކްލާސް އެކި ވަގުތުގައި ހަމަޖެއްސުން.
  • * އިންޓޯލުގަޑީގައި ދަރިވަރުން 3 ފޫޓު ދުރުމިނުގައި ތިބެ ކެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  • * ޢުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަވުމުން ސްކޫލްގެ އިތުރު ހަރަކާތްތައް ފެށުން.
  • * މުވައްޒަފުން ކޯވިޑް -19 ގެ ވެކްސިން ޒޯޒުތައް ފުރިހަމަކޮށްފައި ވީނަމަވެސް، ސްކޫލުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުން.
  • * ފުރަތަމަ ދެ ހަފްތާގައި މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކަށް ތަފާތުކޮށް އިންތިޒާމް ކުރުމުގައި ސެޝަންގެ ދިގުމިނަށް ގެންނަޖެހޭ ބަދަލުތައް ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުގެ މަޝްވަރާއާއިއެކު ހަމަޖެއްސުން.

ކޯވިޑް-19އާއި ގުޅިގެން ނިމުނު ދިރާސީ އަހަރު މުޅިންހެން ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ސްކޫލްތަކަށް ނިކުމެގެން ކިޔެވުން ކުރިއަށް ގެންދިޔަ ދުވަސްތަކުގައިވެސް ސެޝަންތައް ގެންދިޔައީ ކުރުކޮށްނެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިމަހު ފެށުމަށް ހަމަޖެހިފައިވާއިރު އަންނަމަހުގެ އެކަކުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުމެވޭނީ ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ނިންމެވީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށާއި، ކޯވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްކަމަށެވެ.

2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަހަރުގެ ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން 2022 ވަނަ އަހަރުގެ ޖެނުއަރީ 16 ގައި ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިމި، 2021 އަހަރުގެ ދިރާސީ އަހަރު ނިމޭނީ 30 ޖޫން 2022 ގައެވެ.