ޚަބަރު

ލިލް އިން ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަކަޕް ކާމިޔާބުކޮށްފި


ޕީއެސްޖީ ބަލިކޮށް ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ޗެމްޕިއަނުން ކަމަށްވާ ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރީ ފްރެންޗް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ އަތުން 1-0 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިލްއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ބުރަކް ޔިލްމާޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ޒެކާއެވެ. ތެލް އަވީވުގައި ހުންނަ ބްލޫމްފީލްޑް ސްޓޭޑިއަމުގައި މި މެޗު ކުޅުނުއިރު، މި މެޗުގައި ޕީއެސްޖީން އެ ޓީމަށް ކުޅެމުން އަންނަ މަޝްހޫރު ގިނަ ކުޅުންތެރިން ހިމަނާފައެއް ނުވެއެވެ.

މިމެޗަށް ނެގި ޕީއެސްޖީގެ ސްކޮޑުގައި ބްރެޒިލްގެ ތަރި ނޭމާ އާއި، ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އާއި މި ޓްރާންސްފަރ ބާޒާރުގައި ޕީއެސްޖީއާ އަލަށް ގުޅުނު ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނާފައެއް ނުވެއެވެ. ޕީއެސްޖީން ވަނީ އެ ޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އާއި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީއަށް ޓީމުން ފުރުސަތު ދީފައެވެ.

މި މެޗުން މޮޅުވެ ލިލްއިން އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ 10 އަހަރަށްފަހު މިދިޔަ ސީޒަނުގެ ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ. މިއީ މިދިޔަ 8 އަހަރު ތެރޭ ޕީއެސްޖީއަށް ފްރެންޗް ސުޕަ ކަޕް ގެއްލުނު ފުރަތަމަ ފަހަރުއެވެ.