ޚަބަރު

ފަހުމީއަށް ބަދަލު ދޭން ކުރި ޙުކުމް އިސްތިއުނާފްކުރަނީ


ސިވިލް ސާރވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ އެ މަޤާމުން
ވަކިކުރުމުން އޭނާއަށް ބަދަލެއްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް ސިވިލްކޯޓުން
ނިންމި ނިންމުން ދައުލަތުން އިސްތިއުނާފްކުރަން ނިންމައިފިއެވެ.



ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ،  ސިވިލްކޯޓްގެ ނިންމުން އިސްތިއުނާފް ކުރަން
ނިންމީ ދަށުކޯޓުގެ ނިންމުމުގައި ބައެއް ގާނޫނީ މައްސަލަތައް ހުރުމުންކަމަށެވެ.
އަދި އެ މައްސަލަ މި ހަފްތާގެތެރޭގައި ކޯޓަށް ހުށައަޅުއްވާނެ ކަމަށްވެސް އުޝާމް
ވިދާޅުވިއެވެ.



ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ފަހުމީ ހުންނަވަނިކޮށް
އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް އޭނާ އެ މަގާމުން
ވަކިކޮށްފައިވަނީ ދެހާސް ބާރަވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. ފަހުމީގެ
އިތުބާރު ނެތްކަމުގެ ވޯޓް މަޖިލީހުން ނަގާފައިވަނީ،
ސީއެސްސީގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ.



ސިވިލް ސާރވިސް ކޮމިޝަންގެ ރައީސްކަމުން ފަހުމީ ވަކިކުރުމުން އޭނާ އެ މައްސަލަ
ސުޕްރީމްކޯޓަށް ހުށައަޅާފައިވެއެވެ. އަދި އެ މައްސަލަ ބަލާ ސުޕްރީމްކޯޓުން
ނިންމާފައިވަނީ، ފަހުމީ މަގާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށްކަމަށެވެ.



ސަރުކާރުގެ ވަޒީފާއިން ވަކިކުރުމުން އެކަމުގެ ބަދަލު ހޯދުމަށް ފަހުމީ ދަޢުވާ
ކުރި މައްސަލަ ނިންމާ އޭނާއަށް ބަދަލެއްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް
ސިވިލްކޯޓުން ދާދިފަހުން ޙުކުމްކޮށްފައިވެއެވެ. 

ފަހުމީ މިވަގުތު ހުންނެވީ މެލޭޝިޔާގައި ހުންނަ ދިވެހި ސަފީރުގެ މަޤާމްގައެވެ.