ސިޔާސީ

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވައިފި


އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު ޤާއިމުކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ މައި އިމާރާތުގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދުން ފެށިގެން ބަލައިގަންނަމުންދާނެކަމަށެވެ. މިމަހުގެ 2 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ޤާއިމްކުރެވިފައިވާ މި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އިނގިރޭސިވިލާތުން ރާއްޖޭގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވާފައިމިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތަޢުލީމަށް އެޤައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީން ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ.