ޚަބަރު

22 ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފި


22 ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.





ފުލުހުން ވިދާޅުވީ ރޭ 20:00 ހާއިރު ބަނގުރާ ފުޅިތަކާ އެކު
ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ރޭ 20:00 ހާއިރު މ. ފޮނިފުޅާގެ
ކަންމަތިން ޕިކަޕަކުން ފޮއްޓެއް ބާލައިގެން ދާމަންޒަރު ފެނިގެން، ފުލުހުންނަށް
ޝައްކުކުރެވިގެން އެމީހާ ގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިވެ މ.ފޮނިފުޅާގެއަށް ވަނުމުން އެ ގެއަށް ވަދެކަމަށެވެ.





އަދި އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެ ވަގުތު
އެ މީހާ ގެންގުޅުނު މުށިކުލައިގެ ފޮށްޓަކާ ބެހޭގޮތުން ސުވާލުކުރުމުން އެ ފޮށީގައި
ހުރީ އައްނައުނު ކަމަށް ބުނުމުން، ފުލުހުންނަށް ޝައްކުކުރެވިގެން ފޮށި ހުޅުވައި
ބެލިއިރު ފޮށިތެރެއިން 14 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން
މައުލޫމާތުދެއެވެ. މީގެ އިތުރުން ބަނގުރާ ފޮށި ބޭލި ޕިކަޕުގައި އޮތް ކަޅުކުލައިގެ
ދަބަސް އެ މީހާގެ ހާޒިރުގައި ބަލައި ފާސް ކުރުމުން އޭގެ ތެރެއިންވެސް 8 ފުޅި
ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.





މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހަކީ 224 ފަހަރު
ހުއްޓުވައި ސުވާލުކޮށް 52 ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 17 ފަހަރު
ހައްޔަރުކޮށްފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާގެ މައްޗައް
ތުހުމަތުކުރެވޭ 6 މައްސަލައެއްގެ ތަހުޤީގް ނިންމައި މީގެ ކުރިން ވަނީ
ދައުވާކުރުމަށް ފޮނުވާފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.





މީގެ އިތުރުން  މިމައްސަލާގައި ހައްޔަރުކުރި މީހާއަކީ
ގިނައަދަދެއްގެ ވައްކަމުގެ މައްސަލަތަކުގަ އާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކާ
ބިރުދެއްކުމުގެ މައްސަލަތަކުގަ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ
މައްސަލަތަކުގެ ކުށުގެ ރިކޯޑްސް އޮންނަ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.