ވިޔަފާރި

މާލެއާއި ހުޅުމާލޭގެ މީރާގެ ކައުންޓަރުތަކުން މިއަދުން ފެށިގެން ޚިދުމަތް ދޭނެ


މާލެއާއި ހުޅުމާލޭގެ މީރާގެ ކައުންޓަރުތަކުން އަލުން ޚިދުމަތްދޭން ފަށައިފިއެވެ. މީރާގެ ކައުންޓަރުތަކުން ޚިދުމަތްދޭން އަލުން ފަށާފައިވަނީ ކޯވިޑުގެ ސަބަބުން ކައުންޓަރުތައް ބަންދުކޮށްފައި ހުރުމަށްފަހުއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ، މިއަދުން ފެށިގެން މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުންނާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުގެ ކައުންޓަރުތަކުން ޚިދުމަތްދޭނެކަމަށެވެ. މިއަދުން ފެށިގެން ޓެކްސްއާއި އެހެނިހެން ފައިސާ ބަލައިގަތުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުގެ ރެޖިސްޓްރޭޝަން ކައުންޓަރުންނާއި އިންފޮމޭޝަން ކައުންޓަރުން ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން މެންދުރުފަހު 15:30 އަށެވެ. މީރާގެ ކައުންޓަރުތައް ހުޅުވާފައި ހުންނާނީ އާދިއްތައިން ބުރާސްފި ދުވަހުގެ ނިޔަލަށެވެ.

މީރާއިން ބުނީ ސަރވިސް ސެންޓަރުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށްކަމަށެވެ. މި އެޕްލިކޭޝަންތައް މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ، މީރާގެ 3020460 ނަންބަރު ފޯނާ ގުޅައިގެން ޚިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.

މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ވަޑައިގަންނަވާ ފަރާތްތަކުން އިޖުތިމާޢީ ގައިދުރުކަމާއެކު ޚިދުމަތް ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީރާގެ ކައުންޓަރުތައް ހުޅުވިނަމަވެސް އޮންލައިންކޮށް ލިބެންހުރި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.