ދުނިޔޭގެ ވިޔަފާރި

މާސްޓަރކާޑުން އާރްބީއައިއަށް އައު އޯޑިޓް ރިޕޯޓެއް ހުށަހަޅައިފި


މާސްޓަރކާޑު ދޫކުރުން އިންޑިއާގައި ވަގުތީގޮތުން މަނާކުރުމާއިގުޅިގެން އެ ކުންފުނިން ރިޒާރވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް އައު އޮޑިޓް ރިޕޯޓެއް ހުށަހަޅައިފިއެވެ.

މާސްޓަރ ކާޑުން ޑާޓާތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް ބުނެ އާރްބީއައި އިން މިދިޔަމަހު ވަނީ އިންޑިއާގައި މާސްޓަރކާޑު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. ނަމަވެސް އެކުނުފުނިން ޤާނޫނަށް ތަބާވާކަމުގައި ބުނެ މާސްޓަރކާޑުން މި އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން މާސްޓަރކާޑުން ނެރުނު ބަޔާނެއްގައި ބުނީ ޑާޓާ ރައްކާތެރިކުރުމުގައި ޤާނޫނާއި ޚިލާފުނުވާކަމަށެވެ. އަދި އާރްބީއައިއިން އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންވާތީ އައު އޯޑިޓް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި މާސްޓަރކާޑު ކުންފުނިން ދިޔައީ މިކަމާއިގުޅިގެން އާރްބީއައިއާއި ވާހަކައްދަކަމުން ކަމަށާއި، މިކަމާއިގުޅިގެން ކުރަންޖެހޭ މަޝްވަރާތައް އަދިވެސް ކުރިއަށްގެންދަން ތައްޔާރަށް ތިބިކަމަށް އެކުންފުނިން ބުނެއެވެ. އަދި މިހާރު ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އާރްބީއައިގެ ކަންބޮޑުވުންތަކަށް ޔަޤީންކަން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް މާސްޓަރކާޑުގެ ބަޔާނުގައިވެއެވެ. މިމައްސަލަ ހައްލުކުރުމަށް ބޭނުންވާ ހުރިހާކަމެއް ކުރަން ތައްޔާރަށް ތިބިކަމަށްވެސް މާސްޓަރކާޑުން ބުނެއެވެ.

ޖުލައި މަހު 22 އިން ފެށިގެން މާސްޓަރކާޑުން ދޫކުރާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތައް ދޫކުރުން އިންޑިއާގައި މަނާކޮށްފައިވާއިރު މި ނިންމުމުގެ ސަބަބުން އިންޑިއާގައި ވިޔަފާރި ކުރުމުގެ އަގުބޮޑުވެގެންދާނެކަމަށް ބުނެ އެމެރިކާގެ ކާޑު ޚިދުމަތްދޭ އެހެން ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާރްބީއައިގެ މި ނިންމުމުން މާސްޓަރކާޑު މިހާރު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ގެއްލުމަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް ވިޔަފާރިތަކުން ޖެހޭނީ ވާދަވެރި އެހެން ނެޓްވޯކްތައް ކަމަށްވާ ވިސާ ފަދަ ކާޑުގެ ޚިދުމަތްދޭ އެހެނިހެން ނެޓްވޯކްތަކާއިއެކު އަލުން ކޮމާޝަލް އެއްބަސްވުންތަކުގައި ސޮއިކުރަންކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިއީ ވަރަށް ދިގު މުއްދަތެއް ހޭދަވާނެ ކަމެއްކަމަށްވެސް މާހިރުން ވިދާޅުވެއެވެ.

މާސްޓަރކާޑުގެ ޚިދުމަތް އިންޑިއާގައި ފުޅާކުރުމުގެގޮތުން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ މުއްދަތަށް އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އިންޑިއާގައި ކުރާނެކަމަށް 2019 ވަނަ އަހަރު އެ ކުންފުނިން ވަނީ އިޢުލާންވެސްކޮށްފައެވެ.

ޑާޓާ ރައްކާތެރިކުރުމުގެ ޤަވާއިދާއި ޚިލާފުވާކަމަށް ބުނެ މިއަހަރުގެ ކުރީކޮޅު އެމެރިކަން އެކްސްޕްރެސް އާއި ޑައިނާރސް ކްލަބުގެ ކާޑުތައް ދޫކުރުންވެސް އިންޑިއާއިން ވަނީ މަނާކޮށްފައެވެ.