ޚަބަރު

ޔޫރަޕިއަން ސުޕަރ ލީގުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް 3 ކްލަބަކުން ހާމަކޮށްފި


ޔޫރަޕިއަން ސުޕަރ ލީގުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް އެލީގު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ތިން ކްލަބް ކަމަށްވާ އެފްސީ ބާސެލޯނާ އާއި، ރެއާލް މެޑްރިޑް އާއި ޔުވެންޓަސްއިން ހާމަކޮށްފިއެވެ.

މިތިން ކްލަބުން ގުޅިގެން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި މިދިޔަ ހުކުރު ދުވަހު މެޑްރިޑްގެ ކޯޓަކުން ނިންމި ނިންމުމާއެކު އެކްލަބްތަކާމެދު ޔުއޭފާއިން އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލަށް ޖެހޭކަމަށް ހާމަކޮށްފައެވެ.

މިތިން ކްލަބާއި މެދު ޔުއޭފާއިން ކުރިއަށް ގެންދިޔަ މައްސަލަ ޔޫރަޕިއަން ކޯޓު އޮފް ޖަސްޓިސްއަށް މިތިން ކްލަބުން ހުށަހެޅުމާއެކު ޔުއޭފާއިންވަނީ މިތިން ކްލަބާއި މެދު އަޅަމުންދިޔަ ފިޔަވަޅުތައް މަޑުޖައްސާލާފައެވެ. މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި 12 ކްލަބަކުންވަނީ ސުޕަރ ލީގުގެ ފައުންޑަރ މެންބަރުންގެ ގޮތުގައި ލީގު ތައާރަފްކޮށްފައެވެ. ނަމަވެސް އެކަން އިޢުލާން ކުރިތާ 72 ގަޑިއިރުތެރޭގައި 9 ކްލަބަކުންވަނީ އެލީގުން ވަކިވިކަން ހާމަކޮށްފައެވެ. އެންމެ ބޮޑު އެއްސަބަބަކަށްވީ ޔުއޭފާ އާއި އެކްލަބްތައް ނިސްބަތްވާ ފެޑެރޭޝަންތަކާއި ސަރުކާރުތަކުގެ ފިއްތުންތަކާއެކު އެކްލަބްތަކުގެ ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އޭގެތެރެއަށް ވަދެ ކްލަބްތަކަށް ފިއްތުންތައް އިތުރު ވުމެވެ.

ޔޫވޭ އާއި ބާރސާ އާއި ރެއާލް އަކީ މިލީގުން ވަކިވިކަން އިޢުލާން ކުރަން ދެކޮޅު ހެދި ތިން ކްލަބެވެ. އަދި މިތިން ކްލަބުން މިވަނީ އީއެސްއެލް ގާއިމް ކުރުމުގެ މަސައްކަތާއިގެން ކުރިއަށް ދާނެކަން އަނެއްކާވެސް ހާމަކޮށްފައެވެ. އަދި މިފަހަރު މިކަން ކުރާނީ ޤައުމުތަކުގެ ފެޑެރޭޝަން ތަކާއި ލީގު ތަކާއި ސަޕޯޓަރުންނާއި ކުޅުންތެރިންނާއި ކޯޗުންގެ ބައިވެރިވުމާވެސް އެކު އެފަރާތްތަކުގެ ބައިވެރިވުމާވެސް އެކުގައެވެ. އަދި މިކަމައިގެން ކުރިއަށް ދާއިރު ޔުއޭފާގެ ފަރާތުން ފިއްތުންތައް ކުރިއަށް އޮތް ތާނގައި ކުރިމަތި ނުވާނެކަމީ މިކަމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް އެތިން ކްލަބްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޔުއޭފާއިން ވަނީ މިތިން ކްލަބުން ނެރުނު ބަޔާނާއި ގުޅޭގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.