ޚަބަރު

އިންގްލަންޑްގެ ޑިފެންޑަރ ބެން ވައިޓް އާސެނަލްއަށް ސޮއިކޮށްފި


އިންގްލަންޑްގެ ޑިފެންޑަރ ބެން ވައިޓް އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް އާސެނަލްއަށް ސޮއިކޮށްފިއެވެ. ވައިޓް އާސެނަލްއަށް ސޮއިކޮށްފައިވަނީ 50 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ބްރައިޓަންއަށް ކުޅެމުންދިޔަ ވައިޓް އާސެނަލްއަށް ގުޅުމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާވަނީ އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އާޓެޓާ ހާމަކުރިގޮތުގައި ވައިޓްއަކީ އެކްލަބުން އާސީޒަނަށް ގެނައުމަށް ވަރަށް ދުރާލާ ފާރަލަމުންދިޔަ ކުޅުންތެރިއެއް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ވައިޓްއަކީ ވަރަށް ވިސްނުން ތޫނު ފަސޭހަ ކަމާއެކު ބޯޅަ ގެންގުޅޭ އަދި އާސެނަލްގެ ސްޓައިލާއި ވަރަށް ގުޅޭ ކުޅުންތެރިއެއް ކަމަށެވެ. 2016 ވަނަ އަހަރު ބްރައިޓަންއަށް ސޮއި ކުރުމަށްފަހު ވައިޓްވަނީ ނިއުޕޯޓް އާއި ޕީޓަރބޮރޯ ގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

2019-2020 ވަނަ ސީޒަންގައި ޗެމްޕިއަންޝިޕްގެ ތަށި ލީޑްސް ޔުނައިޓެޑުން އުފުލާލިއިރު އެޓީމަށްވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ. އަދި އެފަހަރު އޭނާ ލީޑްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ކްލަބްތަކެއްގެ ލޯ އޭނާއަށް އަމާޒުވެގެންދިޔައެވެ. އޭގެތެރޭގައި ލިޑްސްވެސް ހިމެނިގެންދިޔައެވެ. ނަމަވެސް އޭނާ ބޭނުންވީ ބްރައިޓަންގައި މަޑު ކުރާށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވައިޓް ވަނީ އިތުރު ހަތަރު އަހަރު ބްރައިޓަންގައި މަޑު ކުރަން އެއްބަސްވުން އާވެސް ކޮށްފައެވެ. އާސެނަލްއިން މީގެ ކުރިން ހުށަހެޅި ދެ ހުށަހެޅުމެއް ބްރައިޓަންއިންވަނީ ގަބޫލް ނުކޮށް ދުކޮށްލާފައެވެ.

ވައިޓްއަކީ އާސެނަލްއިން އާސީޒަނަށް އެކްލަބަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެކްލަބުންވަނީ އެންޑަލެކްޓްއިން އެލްބަރޓް ސަމްބީ ލޮކޮންގާ އާއި ބެންފީކާއިން ނޫނޯ ޓަވަރޭސް ގެންގޮސްފައެވެ. އާސެނަލްގައި ވައިޓް ބޭނުން ކުރާނީ ޑޭވިޑް ލުއިޒް ބޭނުންކުރި 4 ނަމްބަރު ޖަރޒީއެވެ.