ވިޔަފާރި

ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 289 މިލިއަން ރުފިޔާ


ބޭންކް އޮފް މޯލްޑިވްސް އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއަދަދަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 357 މިލިއަން ރުފިޔާއަށްވުރެ 16 އިންސައްތަ ދަށް އަދަދެކެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ މިއަހަރުގެ 2ވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 785 މިލިއަން ރުފިޔާއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 496 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު %38 އިތުރު އަދަދެކެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ.

ބީއެމްއެލްގެ މިއަހަރުގެ 2ވަނަ ކުއާޓަރގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހޯދުނު ނަތީޖާއާ މެދު ހިތްހަމަ ޖެހޭކަމަށެވެ.

"ކުރިއެރުން ލިބެމުންދާކަމީ ލިބޭ އުފަލެއްކަމުގައިވިޔަސް ކުރިއަށް އޮތްތާނގައިވެސް މަސައްކަތްކުރަމުންދާނީ ސަމާލުވެތިބެ، އަދިވެސް އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ. މި ދަތިތަކާއެކުވެސް މިކަމުން އަރައިގަނެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ގާބިލުކަން މި ޓީމްގައި އެބަހުރި،" ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލްގެ ވިއުގަ ފުޅާކުރުމަށާއި މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ދެވަނަ ކުއާޓަރުގެތެރޭގައި 5 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ގާއިމްކޮށްފައެވެ. މި ރަށްތަކަކީ ހދ. މަކުނުދޫ، ށ. މާއުނގޫދޫ، ށ. ކޮމަންޑޫ، ކ. ހިންމަފުށި އަދި ކ. ދިއްފުށްޓެވެ. މީގެ އިތުރުން ބޭންކުން ވަނީ 12 ރަށެއްގައި އެޖެންޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށް މި ޚިދުމަތް ފުޅާކޮށްފައެވެ.

މިއާއެކު މިހާރު ބީއެމްއެލް އިން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތާއި 60 އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ޚިދުމަތް އެއްވެސް ފީއަކާ ނުލައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.