ވިޔަފާރި

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ޖެނުއަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުތެރޭ ރާއްޖެއަށް އައިސްފައިވަނީ 555494 ފަތުރުވެރިންނެވެ.

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 89703 ފަތުރުވެރިން އައިސްފައެވެ. މިއަދަދަކީ ހުސްވި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 56166 ފަތުރުވެރިންނާއި އަޅާ ބަލާއިރު 59.9 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މެއި މަހުތެރޭގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށްވުރެއްވެސް މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު ރާއްޖެއަށް 64613 ފަތުރުވެރިންވަނީ އައިސްފައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ފާއިތުވީ ދެމަސްދުވަހު ވަނީ ދަށްވެފައެވެ. އެގޮތުން އޭރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 2084 ފަތުރުވެރިންނެވެ. އަދި ޖޫންމަހު މި އަދަދު ހުރީ 1872ގައެވެ.
އެހެން ނަމަވެސް ރާއްޖޭގެ ކޯވިޑް ހާލަތު ރަނގަޅުވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3204 ފަތުރުވެރިން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 140824 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 99643 ފަތުރުވެރިންވަނީ އައިސްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖަރުމަންވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 33361 ފަތުރުވެރިންވަނީ އައިސްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި މިހާރު އާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.