ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިޤްތިޞާދު މިއަހަރު ކުރިއަރާނީ 6 އިންސައްތަ


ދުނިޔޭގެ އިޤްތިޞާދު މިއަހަރު ކުރިއަރާނީ 6 އިންސައްތައިގެ ދުވެއްޔެއްގައިކަމަށް އައިއެމްއެފްއިން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފްއިން އެންމެފަހުން އާއްމުކުރި އިކޮނޮމިކް އައުޓްލުކް ދައްކާގޮތުން، އޭޕްރީލްމަހު އަންދާޒާކުރި 6 އިންސައްތައިގެ އިޤްތިޞާދީ ދުވެއްޔަށް ބަދަލެއް ނާންނާނެއެވެ.

ދުނިޔޭގެ އިޤްޠިޞާދު މަޑުމަޑުން އާރާސްތުވަމުން ދިޔަ ނަމަވެސް ވެކްސިން ފޯރުކޮށްދިނުމުގައާއި މާލީ އެހީތެރިކަން ދިނުމުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ހުރި ފަރަޤު ވަރަށް ބޮޑުކަމަށްވެސް އައިއެމްއެފްއިން އިންޒާރުދެއެވެ. އައިއެމްއެފްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އިޤްޠިޞާދު އަދިވެސް ހުރީ މިދިޔަ އޭޕްރީލްމަހު ލަފާކުރި 6 އިންސައްތައިގައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުން އަރައި ނުގަނެވޭހާ ހިނދަކު އިޤްޠިޞާދު މުޅިން އާރާސްތު ކުރެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތްކަމަށް އައިއެމްއެފްގެ އިސް އިޤްޠިޞާދީ މާހިރު ގީތާ ގޯޕީނާތް ވިދާޅުވިއެވެ.

އައިއެމްއެފްއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤްޠިޞާދު ކުރިއަރާ މިންވަރު ހުންނާނީ 4.9 އިންސައްތައިގައެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ އަންނަ އަހަރުގެ އިޤްޠިޞާދު 4.4 އިންސައްތަ ކުރިއަރާނެކަމަށް ބެލެވޭއިރު، މިއަދަދަކީވެސް މިހާރު ހުރި 5.6 އިންސައްތައިގެ ދުވެއްޔާއި އަޅާބަލާއިރު ދަށްވުމެކެވެ. މީގެއިތުރުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދުީ ދުވެލި މިއަހަރު 6.3 އިންސައްތައިގައި ހުރިއިރު، އަންނަ އަހަރު މި އަދަދު ހުންނާނީ 5.2 އިންސައްތައިގައެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤްޠިޞާދު އޮންނަ އެމެރިކާގެ އިޤްޠިޞާދީ ދުވެލި މިއަހަރު 7 އިންސައްތައިގައި ހުރުމަށްފަހު އަންނަ އަހަރު 4.9 އިންސައްތައަށް ވެއްޓޭނެކަމަށް ލަފާކުރާއިރު، ޔޫރަޕްގެ އިޤްތިޞާދީ ދުވެލިވެސް މަޑުޖެހޭނެކަމަށް ލަފާކުރެއެވެ. މެދުއިރުމައްޗާއި އަދި ސެންޓްރަލް އޭޝިއާގެ އިޤްޠިޞާދީ ދުވެއްޔަށް ބަލާއިރު، މިއަހަރު ހުރި 4.0 އިންސައްތައިގެ ދުވެލި، 3.7 އިންސައްތައަށް ވެއްޓޭނެކަމަށް ލަފާކުރާއިރު ތަރައްޤީވަމުން އަންނަ އޭޝިއާގެ ޤައުމުތަކުގެ އިޤްތިޞާދީ ދުވެއްޔަށް ކުރާ އަސަރު ބޮޑުވާނޭކަމަށްވެސް އައިއެމްއެފްއިން ލަފާކުރެއެވެ.

އައިއެމްއެފްއިން ލަފާކުރާ ގޮތުގައި އިޤްތިޞާދީ ދުވެލި އެންމެ ބޮޑަށް މަޑުޖެހޭނީ ލެޓިން އެމެރިކާ އަދި ކެރީބިއަންގެ ޤައުމުތަކުގައެވެ. ސަބްސަހާރަން ސަރަޙަދަކީ އިޤްތިޞާދީ ދުވެލި ހަަމައެކަނި ކުރިއަރާނެ ސަރަޙައްދުކަމަށްވެސް އައިއެމްއެފްއިން ލަފާކުރެއެވެ. މިދިޔަ އަހަރު ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ބޯޑަރުތައް ބަންދުކޮށް ވިޔަފާރިތައް މަޑުޖައްސާލަން ޖެހުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ނަމަވެސް ބަލިމަޑުކަމުން އަރައިގަންނަމުން ދިއުމާއެކު ތަކެއްޗާއި ޚިދުމަތްތަކަށް އޮތް ޑިމާންޑް އުފުލި ޤައުމުތަކުގެ އިޤްޠިޞާދު މިއަހަރު އާރާސްތުވެގެން ދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް މި ޑިމާންޑް އަންނަ އަހަރު ދަށްވެގެންދާނެކަމަށްވެސް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުން ވިޔަފާރިތައް ހުޅުވަމުން ދިޔަނަމަވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ވެކްސިން ފޯރުކޮށްދޭ މިންވަރު ދަށްވުމާއެކު ކޯވިޑްގެ އައު ވޭރިއަންޓްތައްވެސް ފެތުރި، އެ ޤައުމުތަކުގައި އިޤްޠިޞާދު އާރާސްތުވާނެކަމުގެ މާބޮޑު ޔަޤީންކަމެއް ނެތްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.