ޚަބަރު

ޗެމްޕިއަންސް ލީގު ކޮލިފައިންގެ ތިންވަނަ ބުރުން ޕީއެސްވީ ޖާގަ ހޯދައިފި


ޔޫއެފާ ޗެމްޕިއަންސް ލީގު ކޮލިފައިންގެ ތިންވަނަ ބުރުން ނެދަލަންޑްސްގެ ޕީއެސްވީ އެއިންދްހޯވަން ޖާގަ ހޯދައިފިއެވެ. ޕީއެސްވީ މި މުބާރާތުގެ ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ހޯދީ ދެވަނަ ބުރުގައި ތުރުކީވިލާތުގެ ގަލަތަސަރާއިއާއި ބައްދަލުކުރި މެޗު 7 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 5 ލަނޑު އެއްލަނޑުން ޕީއެސްވީ ކާމިޔާބު ކޮށްފައިވަނިކޮށް ކުޅުނު ދެވަނަ ލެގްވެސް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ޕީއެސްވީއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގަލަތަސަރާއި
އިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްވީއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37ވަނަ މިނެޓުގައި ޖަހާ ލީޑު ނެގީ ޕީއެސްވީއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޯނީ މަޑުއެކޭއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 59ވަނަ މިނެޓުގައި ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ މާކޯ ވެން ގިންކެލްއެވެ.

މި މެޗުގެ 74ވަނަ މިނެޓުގައި ޕީއެސްވީގެ ބޮސްކަގްލީއަށް ދެވަނަ ރީނޑޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުން ގަލަތަސަރާއިއަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިގެންދިޔައެވެ. މިގޮތުން މެޗުގެ 84ވަނަ މިނެޓުގައި ގަލަތަސަރާއިގެ ޑިއާގްނަރ ލަނޑެއް ޖަހާ ތަފާތު ކުޑަކުރިއެވެ. ނަމަވެސް ގަލަތަސަރާއިއަށް މި މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ޕީއެސްވީ މި މުބާރާތުގެ ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޑެންމާކްގެ މިޑްޖެލަންޑްއާއެވެ. އަދި ގަލަތަސަރާއި މި މެޗުން ބަލިވުމުން ވަނީ ޔޫރޮޕާ ލީގުގެ ކޮލިފައިންގ ތިންވަނަ ބުރަށް ވެއްޓިފައެވެ. އަދި ތިންވަނަ ބުރުގައި ބައްދަލުކުރާނީ ސެއިންޓް ޖޯންސްޓޯންއާއެވެ.