ކުޅިވަރު

ލީގު ޕްލޭއޮފް މެޗްގައި ބީޖީ ކުޅެން ޖެހިއްޖެ


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ފަހު މެޗުން ބަލިވެ ބީޖީ ސްޕޯޓްސް ކްލަބް ލީގު ޕްލޭ އޮފް ކުޅެން ޖެހިއްޖެއެވެ. ލީގުގެ އެންމެ ފަހު މެޗްގައި ވިކްޓްރީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ބީޖީ ބަލިވީ ތިންލަނޑު އެއްލަނޑުންނެވެ. މެޗްގައި ވިކްޓްރީން ޖެހި ތިންލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އޮމޮޑޫ ގޮޑްފްރޭ ވެސްޓެވެ. ވިކްޓްރީ ދެލަނޑު ޖަހާފައިވަނިކޮށް ބީޖީއަށް ނަތީޖާގެ ފަރަޤް ކުޑަކޮށްދިނީ ދެވަނަ ހާފްގައި ބިދޭސީ ކުޅުންތެރިޔާ ޑެނިއަލް ފިލްމަންއެވެ. ވިކްޓްރީއަށް ދެވަނަ ފަހަރަށް ލީޑް ފުޅާ ކޮށްދިނީ މެޗްގެ އެންމެ ފަހު ވަގުތުކޮޅު އިބްރާހިމް ޝާތިރުއެވެ. މެޗަށްފަހު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗް އަޙްމަދު ނާޝިދުބުނީ ވިކްޓްރީއަކީ ޕްރިމިއަރ ލީގަށް އެންމެ ފަހުން ތައްޔާރުވާންފެށި ޓީމް ކަމަށާއި އެހެންކަމުން ވެވުނު ތައްޔާރީއާ ޓީމްގެ ކުޅުންތެރިން ކުރި ހިތްވަރާ ބަލާފަ ގަދަހައެއް ލިބުމަކީ ކާމިޔާބީއެއްކަމަށެވެ. މެނޭޖްމަންޓުން ގަދަހަތަރަކަށް އަމާޒް ކަނޑައެޅިނަމަވެސް ބޭނުންވީ ޓީމް ގަދަޖައެއްގައި ބޭއްވުންކަމަށާއި، އެކަން ކާމިޔާބުވެއްޖެ ކަމަށް ނާޝިދު ބުންޏެވެ." ވިކްޓްރީއަކީ ލީގަށް އެންމެ ފަހުން ތައްޔާރުވާންފެށި ޓީމް. ރަނގަޅު ޓީމެއް އެކުލަވާލެވުނީ ވަރަށް ލަހުން. ރަނގަޅު ބިދޭސީ ކުޅުންތެރިންވެސް ލިބޭތޯ މަސައްކަތް ކުރިން. އެހެންނަމަވެސް އެކަންވެސް ނުވެދިޔައީ. އެހެންނަމަވެސް ޓީމުން މިމުބާރާތުގައި ވަރަށް ހިތްވަރުކޮށްފި ކަންނޭނެނގެ. ރަނގަޅު ފައިޓެއް ދީފި. " ވިކްޓްރީގެ ކޯޗް ނާޝިދު ބުންޏެވެ.ލީގު ޕްލޭއޮފް ކުޅެން ޖެހުނު ބީޖީ ސްޕޯޓްސް ކްލަބްގެ ކޯޗް ޝާޒްލީބުނީ ބީޖީގެ މިހާރުގެ އަމާޒަކީ ޕްލޭއޮފް މެޗްކުޅެ އެނބުރި ދިވެހި ޕްރިމިއަރ ލީގަށް އައުން ކަމަށެވެ. ޕްލޭއޮފް މެޗް ވެގެންދާނީ އުނދަގޫ މެޗަކަށް ކަމަށާއި ސަބަބަކީ ދެވަނަ ޑިވިޝަނުން ކޮންމެ ޓީމެއް އައިނަމަވެސް ހުރިހާވެސް ޕްރެޝަރެއް އޮންނާނީ ލީގުގައި ކުޅުނު ޓީމަށް ކަމަށް ޝާޒްލީ ބުންޏެވެ."ފުޓްބޯޅައިގައި ވާނީ މިކަހަލަ ގޮތެއް. ޔަޤީނުންވެސް ކޮންމެވެސް އެއްޓީމެއް ޕްލޭ އޮފްވެސް ކުޅެން ޖެހޭނެ. އެއީ ޔަޤީންކަމެއް. ދެން މިފަހަރު ޕްލޭ އޮފް ކުޅެން މިޖެހުނީ ބީޖީއަށް. ދެން މަސައްކަތްކުރާނީ ޕްލޭއޮފް މެޗް ކާމިޔާބުކޮށް ޕްރިމިއަރ ލީގަށް އެނބުރި އައުމަށް. " ބީޖީގެ ކޯޗް ޝާޒްލީ ބުންޏެވެ.އުރީދޫ ދިވެހި ޕްރިމިއަރ ލީގު ޕްލޭ އޮފްގައި ބީޖީ ނިކުންނަން ޖެހޭނީ ދެވަނަ ޑިވިޝަންގެ ރަނަރަަޕް ގްރީން ސްޓްރީޓާ ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.