ޚަބަރު

ރެކޯޑު ޢަދަދަކަށް ސިޑުނީގައި ބަލިފެތުރުމުން އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިއްޖެ


އޮސްޓުރޭލިޔާގެ ސިޑުނީގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އޮސްޓުރޭލިޔާއިން ދަނީ ކޯވިޑް-19ގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލަމުންނެވެ. އެ ގޮތުން ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުން އެ ޤައުމުގެ ބޮޑެތި ސުޓޭޓުތައްވަނީ ފުރަބަންދުކޮށްފައެވެ.

އޮސްޓުރޭލިޔާގައި އެންމެ ބޮޑަށް ބަލިފެތުރެނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގައެވެ. 6 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެ ސުޓޭޓުގެ ވެރިރަށް ސިޑުނީ ފުރަބަންދުކޮށްފައި އޮންނަތާ 6 ހަފުތާވަނީ ވެފައެވެ. ނަމަވެސް ސިޑުނީގައި ބަލިފެތުރެމުންދާ ނިޞްބަތް ދަނީ އަދިވެސް އިތުރުވުމުންނެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސިޑުނީގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 239އަށް އަރައިފައެވެ.

ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ފުލުހުން ބުނެފައިވާ ގޮތުގައި އެ ސުޓޭޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީދުކުރުމަށް 300 ސިފައިން ފޮނުވައި ދިނުމަށް ބޮޑުވަޒީރު ސުކޮޓު މޮރިސަންނަށް ދަންނަވާފައިވާނެކަމަށެވެ. ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުން ބުނާ ގޮތުގައި އެ ސުޓޭޓުގައި ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ޢާންމުން ފަރުވާކުޑަކުރާތީއެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުނު ދުވަސްވަރު އޮސްޓުރޭލިޔާއިންވަނީ ބަލިމަޑުކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން އެ ޤައުމުގައި ބަލިފެތުރޭ ނިޞްބަތްވަނީ އިތުރުވެފައެވެ. އެ ގޮތުން އެ ޤައުމުގައި 33,000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެކަށީގެންވާ ޢަދަދެއް ބަޔަކަށް އޮސްޓުރޭލިޔާގައި ވެކްސިން ދެވިފައެއްވެސް ނުވެއެވެ. އެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންވަނީ މަޢާފަށްވެސް އެދިވަޑައިގެންފައެވެ.