ޚަބަރު

މޮނިޓަރިންގައި ހުރި ރަށްރަށުން ރެންޑަމް ސާމްޕަލް ނުނަގާނަމަ މޮނިޓަރިން އުވާނުލެވޭނެ: އެޗްއީއޯސީ


މޮނިޓަރިންގއަށް ލާފައިވާ ބައެއް ރަށްރަށުން މޮނިޓަރިންގއިން ނެގުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ގެއްލުން ވަމުންދާކަން އެޗްއީއޯސީން ފާހަގަކުރައްވައެވެ.

ކޯވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތައް އަންނަނީ މޮނިޓަރިންގއަށް ލަމުންނެވެ. ޢާއްމު ގޮތެއްގައި މޮނިޓަރިންއަށް ލަނީ މުޖުތަމަޢު ތެރެއިން ނަގާ ރެންޑަމް ސާމްޕަލްއަކުން މީހަކު ޕޮޒިޓިވްވާ ހިސާބުންނެވެ. އެޗްއީއޯސީން ވިދާޅުވީ އެގޮތަށް ޢަމަލުކުރަނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްކަމަށެވެ. މިގޮތަށް މޮނިޓަރިންގއަށް ލާ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުން މޮނިޓަރިންއިން ނެގުމަށް އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

މޮނިޓަރިންއިން ރަށެއް ނަގަނީ އެރަށަކުން ނަގާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލް ޕޮޒިޓިވްވާ ހިސާބުން ފެށިގެން 14 ދުވަސް ތެރޭގައި ނަގާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އިތުރަށް މީހަކު ބައްޔަށް ޕޮޒިޓިވް ނުވާނަމައެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި ވާގޮތުން މޮނިޓަރިންގައިވާ ރަށްރަށުން 10 އިންސައްތަ ރެންޑަމް ސާމްޕަލް އެރަށަކުން އެންމެފަހުން ޕޮޒިޓިވްވީ ދުވަހުން ފެށިގެން ނަގަންޖެހެއެވެ. މިގޮތަށް ޢަމަލުކުރަންޖެހެނީ އެރަށެއްގައި ބަލި ފެތުރެމުންދާނަމަ އެކަން ދެނެގަތުމަށްކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.


އެހެންނަނަމަވެސް ބައެއް ރަށްރަށުން ރެންޑަމް ސާމްޕަލް ނުދޭކަމަށާއި އެގޮތަށް ނުދޭނަމަ އެފަދަ ރަށްރަށް މޮނިޓަރިންގައި ގިނަ ދުވަސް ހޭދަކުރަންޖެހޭނެ ކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. އެޗްއީއޯސީން މިހެން ވިދާޅުވާއިރު ބައެއް ރަށްރަށް މޮނިޓަރިންގައި ދެމަހަށްވުރެ ގިނަ ދުވަސްވަނީ ހޭދަކޮށްފައެވެ. މީގެ ސަބަބުން އެރަށްރަށަށް އަރާފޭބުމުގައާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައިވެސް ގިނަ ގޮންޖެހުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

އެޗްއީއޯސީން އެންމެ ފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިވަގުތުވެސް 12 ރަށެއް އޮތީ މޮނިޓަރިންގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮތެރެއިން ޕޮޒިޓިވްވި 95 މީހުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ އއ.ރަސްދޫއިން ޕޮޒިޓިވްވީ 4 މީހަކާއި ބ.ހިތާދޫއިން ޕޮޒިޓިވްވި މީހަކާއި ގއ.ވިލިނގިލިން 3 މީހަކާއި ގދ.ނަޑެއްލާއިން 19 މީހަކާއި އެއަތޮޅު ތިނަދޫއިން 5 މީހަކާއި ފުވައްމުލައް ސިޓީން ޕޮޒިޓިވްވި 14 މީހަކާއި ކުޅުދުއްފުށި ސިޓީން 4 މީހަކާއި ކ.ކާށިދޫން ޕޮޒިޓިވްވީ 19 މީހަކާއި ރ.ދުވާފަރުން ޕޮޒިޓިވްވި 25 މީހަކާއި ށ. ފޯކައިދޫން ޕޮޒިޓިވްވި މީހެކެވެ.