ވިޔަފާރި

އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، ލިބުނު އާމްދަނީވެސް އިތުރުވެއްޖެ


މިދިޔަމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަދަދު މިއަހަރުގެ ޖޫންމަހު ވަނީ 3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 44 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، ޗައިނާ، އަދި ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ ހުސްވިމަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ހުސްވިމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އެކި ބާވަތްތަކުގެ ކަރަންޓް ސާމާނެވެ. އެގޮތުން 586 މިލިއަން ރުފިޔާގެ މެޝިނަރީ އާއި އެކި ބާވަތްތަކުގެ ކަރަންޓް ސާމާނު ޖޫންމަހު ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. ދެން އެންމެ ގިނަ އަަދަދަކަށް ރާއްޖެއަށް އެެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެއީ 555 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެެވެ. އެގޮތުން ޖޫންމަހު ރާއްޖެއަށްވަނީ 545 މިލިއަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތަށް އެތެރެކޮށްފައެވެ.

ޖޫންމަހު ރާއްޖެއިން މުދާ އެތެރެކުރި މިންވަރުގެ އިތުރުން ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވެސްވަނީ އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު މިއަހަރުގެ ޖޫންމަހު ރާއްޖެއިން ވަނީ 228 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މިއީ 3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެެވެ. ޖޫންމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 60 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް ވަނީ ހުސްވި ޖޫންމަހު ރާއްޖެއިން ބޭރުކޮށްފައެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން މި މުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވާ ޖުމްލަ މުދަލުގެ 30 އިންސައްތައަކީ ތައިލޭންޑަށް އެކްސްޕޯޓްކޮށްފައިވާ މުދަލެވެ. ދެން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ޖަޕާނަށެވެ. އެގޮތުން 16 އިންސައްތަ މުދާ ޖަޕާނަށްވަނީ ބޭރުކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ.

އިމްޕޯޓް އަދި އެކްސްޕޯޓަށް ލިބުނު ކުރިއެރުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫންމަހު ރާއްޖެއަށްވަނީ އިމްޕޯޓް އެސްކްޕޯޓުން 156 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއަހަރުގެ ޖޫންމަހު މިއަދަދު 247 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 59 އިންސައްތަ އިތުރު އަދަދެކެވެ.