ޚަބަރު

ވެކްސިންދިނުމުގެ ބޮޑު ޕްރޮގްރާމް ހޮނިހިރު ދުވަހު ފަށަނީ


ކޯވިޑް ވެކްސިންދިނުމުގެ ބޮޑު ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ.ރަފީގު ވިދާޅުވީ، ސަރުކާރުން ގަންނަން އޯޑަރު ދީފައިވާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ލިބިފައިވާކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވީ ހޮނިހިރު ދުވަހު ފަށާ ވެކްސިން ޕްރޮގްރާމުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ނަޒްލާ ރަފީގު ވިދާޅުވީ، ސަރުކާރުން ގަންނަން އޯޑަރު ދީފައިވާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ލިބިފައިވާކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. އަދި މީގެ އިތުރު ޝިޕްމެންޓު ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" އިރާދަކުރެއްވިއްޔާ މިފަހަރު މިލިބުނު ޝިޕްމެންޓާއިއެކު އަދި ކުރިއަށް ލިބެންހުރި ވެކްސިން ތަކުގެ ޝިޕްމެންޓް ތަކާއި އެކު، އަޅުގަނޑުމެންނަށް ބެލެވޭ މިވަގުތު ދިވެހި ރާއްޖޭގެ ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް. ހާއްސަކޮށް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ވެކްސިން ޖަހާ ނިންމުމަށް. މިއީ މިބަލިން ރައްކާތެރިވުމަށް އެންމެ ބާރަށް ހިފާ ވެކްސިން ޖަހައި ނިންމުމަށް މަސައްކަތް ކުރާ ފަހަރު. " ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމް ފަރާތުން ނާޝިޔާ އަބްދުލްޤައްފޫރު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކުން އެކަން އިންތިޒާމު ކުރާއިރު، މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ކަންކަން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި، އިސްލާމިކް ސެންޓަރާއި، އާޓް ގެލަރީއާއި، ދަމަނަވެއްޓާއި، ވިލިމާލެ ޔޫތު ސެންޓަރުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ހެނދުނު 9:00 އިން ހަވީރު 5:00 ޖަހަންދެން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާއިރު އެހެން ސެންޓަރު ތަކުގައި، ހެނދުނު 9:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާނެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އަލަށް ގެނައި ޝިޕްމެންޓާއެކު އެސްޓްރާޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޓްރީޓޮޕް އަދި ސެނެހިޔާ ހޮސްޕިޓަލުން ސިނޮފާމް ވެކްސިން ޖަހާފައި ތިބި ފަރާތްތަކަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ވެކްސިން އެޕޮއިންޓްމެންޓް ހައްދާ ގަޑިއަށް ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މިހާރުމިވާ ގޮތަކީ ހެނދުނު 9 އަށް އެޕޮއިންޓްމެންޓް ލިބޭ ބޭފުޅުން 8 ޖަހާއިރު ކިއުގައި އެބަތިބޭ. އަސްލު އެޕޮއިންޓްމެން ސިސްޓަމް ހެދުމުގެ ބޭނުމަކީ މީހުން ތޮށް ޖެހޭ ވަރު ކުޑަކުރުން. ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބަލަންވީ އެޕޮއިންޓްމެންޓެއް ހައްދައިފީއްޔާ 10 މިނެޓު ކުރިއަށް އެސެންޓަރަކަށް އެބޭފުޅަކު ދުރުވަންވާނެ. އޭގެ ކުރިން ކިއުގައި ޖެހިގެން ނުހުންނަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. " ނާޝިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ބާރަށް ކުރިއަށްދާއިރު، މިހާރު ވެކްސިންޖެހޭ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހިފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެގޮތުން މިހާތަނަށް ވެކްސިން ނުޖަހާ ތިބީ ވެކްސިން ޖެހޭ އާބާދީގެ އެންމެ %27 އިންސައްތަ މީހުންކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ސަރުކާރުން ވިދާޅުވީ ހޮނިހިރު ދުވަހު ފަށާ ވެކްސިން ޕްރޮގްރާމުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށެވެ.