ޚަބަރު

ވަރަންގެ ޓްރާންސްފަރ: ޔުނައިޓެޑާއި ރިއާލް އެއް ގަލަކަށް


ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ޑިފެންޑަރ ރަފައެލް ވަރަންގެ ޓްރާންސްފަރ ފީގެ ކަންތަކުގައި އޭނާ މިހާރު ކުޅެމުންދާ ރިއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑްގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ބޭރުގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކޮށްފިއެވެ.

އެގޮތުން މި ދެކުލަބްގެ މެދުގައި 34 މިލިއަން ޕައުންޑްގެ ފީއަކަށް އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ލިބެއެވެ. ނަމަވެސް އަދިވެސް ލިޔެކިޔުމުގެ ބައެއް ކަންތައްތަކުގައި ދެފަރާތުގެ މެދުގައި އެއްބަސްވާން ޖެހިފައިވެއެވެ.

ރިއާލްއާއެކު ވަރަން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު އޭނާވަނީ ރިއާލްއާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރަން ބޭނުން ނުވާކަން އެ ކުލަބަށް އަންގާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޓްރާންސްފަރ ފީގެ އަގު އިތުރު ބައެއް އެހެން ކަންތައްތަކާއެކު 42 މިލިއަން ޕައުންޑަށް އެރުމަކީ އެކަށީގެންވާކަމެކެވެ.

ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައިވަނީ ޓީމަށް މުހިންމު ކުޅުންތެރިން ގެނައުމަށް ހޭދަކުރަން ނިންމާފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އެ ކުލަބުން ވަނީ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ އިންގްލަންޑްގެ ހުނަރުވެރި ކުޅުންތެރިޔާ ޖޭޑަން ސަންޗޯ 73 މިލިއަން ޕައުންޑްގެ އަގަކަށް އެ ކުލަބަށް ގެންގޮސްފައެވެ.

ވަރަން ޔުނައިޓެޑާއި ގުޅުމުން އެ ޓީމުގެ ފަހަތް ވަރަށް ބޮޑަށް ވަރުގަދަ ވެގެން ދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއީ ވަރަންގެ ތަޖުރިބާއާއި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ އެކުގައި ކުޅެން ފެށުމުން އެހެން ޓީމުތަކަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމަކީ އުނދަގޫކަމަކަށް ވެގެންދާނެތީއެވެ.

ވަރަންވަނީ ރެއާލްއާއެކު ލަލީގާ ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު އުފުލާލާފައެވެ. އަދި ފަރަންސޭސިވިލާތާއެކު ވަރލްޑް ކަޕްވެސް އޭނާ ކާމިޔާބުކޮށްފައިވެއެވެ. އަދި މިފަހަރުގެ ޔޫރޯގައިވެސް އޭނާވަނީ ފަރަންސޭސި ޓީމު ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ.