ސިއްހަތު

އެޗްއައިވީގެ ރިސްކް ދެނެގަނެވޭނެ ފަސޭހަ ގޮތެއް ތަޢާރަފް ކުރަނީ


ދިރިއުޅުމުގެ އާދަތަކާއި، ޢަމަލުތަކުގެ ސަބަބުން އެޗްއައިވީ ޖެހުމަށް މަގުފަހިވަނީ ކިހާ މިންވަރަކަށްކަން ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތެއް ރާއްޖޭގައި ތަޢާރުފްކުރެއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމަވައިފިއެވެ.މި ނިޒާމް ތަޢާރަފް ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.މިއަދު ފާހަގަ ކުރަމުން މިދާ މިއަހަރުގެ ބައިނަލްއަޤުވާމީ އޭޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން ގިނަ ޙަރަކާތްތަކެއް މިމަހުގެ ތެރޭގައި ހިންގެވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ތިމާގެ ޢަމަލުތަކުގެ ސަބަބުން އެޗްއައިވީ ޖެހުމަށް މަގުފަހިވަނީ ކިހާ މިންވަރަކަށްކަން ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތެއް ދިވެހިންނަށް ތަޢާރުފްކުރެއްވުމެވެ.އެޗްޕީއޭއިން ވިދާޅުވީ ރިސްކު ހުރި މިންވަރު ދެނެގަނެވުމުން ދެން ޢަމަލުކުރަންވީ ގޮތާއި ޓެސްޓް ކުރެވޭނެ ގޮތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެއްވުންވެސް އަލަށް ތަޢާރަފް ކުރައްވާ މި ނިޒާމްގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ. މިކަން ތަޢާރަފް ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.އޭޑްސްދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ހިންގަވާ ޙަރަކާތްތަކުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އޭޑްސް ބައްޔާބެހޭ ގޮތުން މަޢުލޫމާތު ދެއްވުމުގެ އެއްދުވަހުގެ ބައްދަލުވުމެއްވެސް އެޗްޕީއޭއިންވަނީ ކުރިއަށް ގެންގޮސްފައެވެ.މީގެ އިތުރުން ފަސޭއިން ޓެސްޓްކުރުމުގެ ޚިދުމަތް ދެއްވުމުގެ ގޮތުން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނާއި އެޗްޕީއޭ ގުޅިވަޑައިގެން މާލޭގެ އެކި ހިސާބުތަކުގައި ޓެސްޓްކޮށް ވަގުތުން ނަތީޖާ ދިނުން ކުރިއަށްދާނެ ކަމަށް އެފަރާތުން މަޢުލޫމާތުދެއްވައެވެ. މިކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.ދިވެހިރާއްޖެއިން އޭޑްސް ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުގައެވެ. އެއަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ 21 މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 12 މީހުން މިހާރު ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.މިވަގުތު ރާއްޖޭގައި ތިބި އޭޑްސް ބަލީގެ މީހުންގެ ފަރުވާގެ ކަންކަން ނޭޝަނަލް އޭޑްސް ޕްރޮގްރާމުން މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.2014 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 36.9 މިލިއަން މީހުންނަށް އެޗް.އައި.ވީ ވައިރަސް ޖެހިފައިވެއެވެ. މީގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަށް މި ވައިރަސްއަށް ފަރުވާ ނުލިބޭ ކަމަށް އދ. އިން ހާމަކުރެއެވެ.މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އދ.އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗް.އައި.ވީ އެއިޑްސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މިގޮތުން، އަލަށް އެޗް.އައި.ވީ ޖެހޭ މީހުންގެ ނިސްބަތް %35 ދަށަށް ގޮސްފައިވާ ކަމަށާއި އެއިޑްސް ބަލީގައި މަރުވާ މީހުންގެ އަދަދު %42 ދަށަށް ގޮސްފައިވާ ކަމަށް އދ. އިން ހާމަކުރެއެވެ.