ވިޔަފާރި

އެފްއެސްއެމްއިން މާލޭގައި ސެލްފް ސަރވިސް ޕެޓްރޯލް ޝެޑެއް ތަރައްޤީކުރަނީ


މާލޭގައި ޒަމާނީ ފެންވަރުގެ ޕެޓްރޯލް ޝެޑެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

މި ޝެޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖްގައެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވީ އެކުންފުނީގެ ޕެޓްރޯލް ޝެޑްތަކުން ދޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ގަސަމް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގައި މިހާރު ހުރި އެކުންފުނީގެ ޝެޑާއި އިންވެގެން އޮންނަ ބިމުގައި ސެލްފް ސަރވިސް ޕެޓްރޯލް ޝެޑެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 4 މަސް ދުވަސްތެރޭ އެތަން ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ގަސަމް ވިދާޅުވިއެވެ.

" އަމަލީ މަސައްކަތް ފެށޭ ހިސާބުން 9 ނޫނީ 10 މަސްދުވަސްތެރޭ ޝެޑްގެ ޙިދުމަތް އާއްމުންނަށް ލިބިގެންދާނެ، މި ޝެޑުގައި އެއްފަހަރާއި 14 ސައިކަލަށާއި 8 ކާރަށް ޙިދުމަތް ދެވޭނެ، ޕެޓްރޯލް އަޅަންދާ ފަރާތަށް އަމިއްލައަށް ޕެޓްރޯލްއަޅާ ފައިސާ ދެއްކޭނެ މި ޝެޑުން،" ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ ކުރިއަށްއޮތްތާނގައި މާލޭގައި ޙިދުމަތްދެމުންދާނީ ދެ ޕެޓްރޯލް ޝެޑުން ކަމަށެވެ. އެހެންނަމަވެސް މި ދެ ޝެޑުގައި ޕަމްޕުތައް ގިނަވާނެ ކަމަށާއި، އާއްމުންނަށް ރަނގަޅު ފެންވަރުގެ ޙިދުމަތްތަކެއް ދެވިގެންދާނެކަމަށް ގަސަމް ވިދާޅުވިއެވެ.

"ޕްލޭނިން މިނިސްޓްރީގެ ވިސްނުމުގައި އޮތީ މާލޭ އޭރިއާގައި މިހާރު ހުރި 4 ޝެޑްގެ ބަދަލުގައި މާލޭ އޭރިއާގައި ހުންނާނީ 2 ޝެޑް، އެ 2 ޝެޑްވެގެންދާނެ މިހާރު ހުރި 4 ޝެޑަށް ވުރެ ޕަމްޕު އިތުރުވާނެ" ގަސަމް ވިދާޅުވިއެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވާފައެވެ.