ވިޔަފާރި

އެސްޓީއޯގެ ގޮދަން ފުށް ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް ތައްޔާރު ކުރެވޭނެ


އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ކާރުޚާނާގައި ތަފާތު ބާވަތްތަކުގެ ފުށް ތައްޔާރު ކުރެވޭނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ އެކި މާއްދާ އެކުލެވޭ ފައިދާ ހުރި ފުށް އެސްޓީއޯގެ ކާރުޚާނާއިން އުފައްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. މިޓުވީޓަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ، އެސްޓީއޯއިން ޤާއިމު ކުރާ ގޮދަށް ފުށް ބަންދުކުރާ ކާރުޚާނާ ޤާއިމު ކުރަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭ ގޮތަށް ކަމަށެވެ.

އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި، ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް މިކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެއެވެ. އަދި ރާއްޖެގައި މިގޮތަށް ގޮދަށް ފުށް އުފައްދަން ފެށުމުގެ ސަބަބުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

އަމްރުގެ މިޓުވީޓަށް ޑރ. ފައިސަލް މަރުހަބާ ކިޔާފައިވާއިރު، ރާއްޖޭގައި ކާނާގެ ޔަޤީންކަން ފޯރުކޮށްދިނުމަށް އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުންނެނެވެ. އެސްޓީއޯއިން ގޮދަށް ފުށް ބަންދު ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމު ކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދު ކުރާ ގޮތަށެވެ.

އެސްޓީއޯއިން ބުނީ، މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރަށްވެސް އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މާލެ ސަރަޙައްދުގައި ސެންޓްރަލް ވެއަރ ހައުސްއެއް ޤާއިމްކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަނުގެ ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯއިން މިދިޔައަހަރުވެސް ވަނީ ކާމިޔާބީތަކެއް ހޯދައި، އިތުރު ވިޔަފާރިތަކަށް ވަދެފައެވެ. މިގޮތުން ޝިޕިންގ ވިޔަފާރި އަލުން ފަށާފައިވާއިރު، "ޑިޖިޓަލް ބޭންކިން" އަށް ދިއުމުގެ ވިސްނުންވެސް އެސްޓީއޯއިން ގެންގުޅެއެވެ. އަދި ކޯވިޑް ތެރޭގައިވެސް ރާއްޖެއަށް ކާބޯތަކެއްޗާއި ބޭހުގެ ޔަޤީންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އެސްޓީއޯއިން ވަނީ ކޮށްދެއްވާފައެވެ.