ވިޔަފާރި

ދެކުނު އިރުމަތީ އޭޝިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ޓްރިޕްޒިލާ އާއި ގުޅިގެން ކެމްޕެއިނެއް


ދެކުނު އިރުމަތީ އޭޝިއާއަށް އަމާޒުކޮށް ރާއްޖެ އަކީ އެންމެ މަގުބޫލް އަދި އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ޓްރިޕްޒިލާ އާއި ގުޅިގެން ކެމްޕެއިނެއް ފަށައިފިއެވެ. މި ޖުލައިމަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިންގައި ޓްރިޕްޒިލާގެ ޑިޖިޓަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ތަފާތު މާކެޓިންގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ޓްރިޕްޒިލާއަކީ ދެކުނު އިރުމަތީ އޭޝިއާ މާކެޓްގައި ފަތުރުވެރިކަމާއި ސަގާފަތަށް އަމާޒުކޮށް ކޮންޓެންޓް ތައާރަފްކުރާ އެންމެ މަގުބޫލް އެއް ޕްލެޓްފޯމެވެ. ފަތުރުވެރިކަމުގެ އެކި މަންޒިލްތަކާއި، އެތަންތަނުން ލިބޭ ތަފާތު ތަޖުރިބާތައް މި ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ މަހަކު 25 މިލިޔަނަށް ވުރެ ގިނަ ކިޔުންތެރިންނަށް ފޯރާނެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް ގެސްޓްހައުސް ލިވަބޯޑް ހޮޓެލް އަދި ރާއްޖެއިން ކުރެވޭ ތަފާތު ތަޖުރިބާތަކަށް ޚާއްސަކޮށް ޓްރިޕްޒިލާގެ ވެބްސައިޓްގައި އާޓިކަލްސް ލިޔާނެ ކަމަށެވެ.
އަދި މި ލިޔުންތައް ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ އަދަދެއްގެ ފަރާތްތަކަށް ފޯރާނެ ކަމަށާއި، މިއާޓިކަލްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ރީތި މަންޒަރުތަކާއި ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ ގައުމެއްކަން ދައްކާލެވޭ ވީޑިއޯ އެއް ޓްރިޕްޒިލާ ވެބްސައިޓްގައި ދައްކާލާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ޓްރިޕްޒިލާ އިން ތައާރަފްކުރާ ކޮންޓެންޓް ސިންގަޕޫރު، ޕިލިޕީންސް، އިންޑޮނޭޝިޔާ އަދި މެލޭޝިޔާ އަށް ނިސްބަތްވާ 820,000 އަށް ވުރެން ގިނަ ފަރާތަށް ފޯރާނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ޓްރިޕްޒިލާ އިން ތައާރަފް ކުރާ ކޮންޓެންޓް ޓްރިޕްޒިލާގެ މުސްލިމް ފަތުރުވެރިންނަށް ޚާއްސަ ޕްލެޓްފޯމެއް ކަމުގައިވާ ހަލާލްޒިލާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްގައި ޕްރޮމޯޓް ކުރެވޭނެއެވެ. ހަލާލްޒިލާ އަކީ އެއް ބިލިޔަނަށް ވުރެން ގިނަ މުސްލިމް ފަތުރުވެރިން ޒިޔާރަތްކުރާ ޕްލެޓްފޯމެއެކެވެ.

ވިޒިޓް މޯލްޑިވްސް އިން ދެކުނު އިރުމަތީ އޭޝިޔާ މާކެޓަށް ކަނޑައަޅާފައިވާ ސްރެޓަޖީގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓައި ރާއްޖެއިން މުސްލިމް ފަތުރުވެރިންނަށް ކުރެވޭ ތަޖުރިބާތައް އިޝްތިހާރުކުރުން ހިމެނެއެވެ. އެހެންކަމުން މި ކެމްޕެއިން ކުރިއަށްގެންގޮސްފައިވަނީ މި ސްރެޓަޖީގެ ދަށުންނެވެ.

ވޭތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާމިންވަރު ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު މިސަރަހައްދުން 87,636 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްވަނީ އައިސްފައެވެ.

ކޯވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރި ހުރަސް ތަކާއި އެކުގައިވެސް އެމްއެމްޕީއާރުސީން ދަނީ ރާއްޖެ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބޯޑަރުތައް އަލުން ހުޅުވުމާއެކު ރާއްޖެ އަކީ މިސަރަހައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތައް ދަނީ ކުރިޔަށްގެން ދަމުންނެވެ.