ޚަބަރު

ދެ މެޗުން މުހިންމު ކަންތައްތަކެއް ދަސްވެއްޖެ: ނަބާހާ


އޮލިމްޕިކްސްގެ ބެޑްމިންޓަންގައި މިފަހަރު ރަނގަޅު ތަޖްރިބާތަކެއް ލިބިފައިވާ ކަމަށް ރާއްޖޭގެ ނަބާހާ އަބްދުލް ރައްޒާގު ބުނެފިއެވެ.

ނަބާ ލައްވާލި ވަރުގަދަ ގުރޫޕްގައި ކުޅުނު ދެ މެޗުން ބަލިވިނަމަވެސް، މިއީ މިފެންވަރުގެ ކުޅުންތެރިންނާއެކު ކުޅެލަން ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ. މިއަދު ހެނދުނު ކުޅުނު މެޗްގައި ނަބާ ބަލިވެފައިވަނީ ދުނިޔޭގެ ރޭންކިންގެ 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާއާ ވާދަކޮށްގެންނެވެ. މެޗްގެ ސެޓްތައް ސޮރާޔާ ގެންދިޔައީ 21-14 އަދި 21-7 އިންނެވެ. މިއީ ނަބާ އިރާންގެ ސޮރާޔާއާ ވާދަކުރި ދެވަނަ ފަހަރުއެވެ. ނަބާ ވަނީ 2019 ވަނަ އަހަރު ޕާކިސްތާން އިންޓަރނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފައެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ. އީރާނުގެ ސޮރާޔާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސް އަށް ކޮލިފައިވި އީރާންގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.

ފުރަތަމަ މެޗްގައި ނަބާ ވާދަކުރީ ދުނިޔޭގެ ރެންކިންގައި، 9 ވަނައަށް ރޭންކު ކުރެވިފައިވާ ޗައިނާގެ ހީ ބިންގްޖިއާއޯއާއެވެ. ނަބާގެ ރޭންކިންއަކީ 252ވަނަ އެވެ. މިމެޗް ހީ ގެންގޮސްފައިވަނީ 21-6 އަދި 21-3 އިންނެވެ. ބެޑްމިންޓަން އަންހެން ސިންގަލްސްގެ ކޮންމެ ގްރޫޕަކުން އެއް ވަނަ އަނެއް ބުރަށް ހޮވޭނެއެވެ.

ނަބާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ތަޖްރިބާއެއްކަމަށާއި މިލެވެލްގެ ކުޅުންތެރިންގެ ވިސްނުމާއި މެޗްގެ ތެރޭގައި ކުޅުމުގެ ވައްޓަފާޅިވެސް ވަރަށް ބޮޑުތަން ތަފާތުކަން ފާހަގަކުރެވުނުކަމަށެވެ. އަދި އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓުމާއި އަމިއްލަ މިސްޓޭކްތައް މަދުކުރުންވެސް މިފަދަ މެޗްތަކުގައި ވަރަށް މުހިންމުކަމަށް ނަބާ ބުންޏެވެ. އޮލިމްޕިކްސްއަށް ދާނެކަން އެނގުމާއެކު ތަމްރީންވުމަށް ނަބާއަށް ލިބިފައިވަނީ 3 ހަފްތާއެވެ. ނަބާ ބުނީ މިފަހަރު އެންމެ ރަނގަޅަށް ތައްޔާރުވެސް ނުވެވޭކަމަށާއި ނަމަވެސް ފުރަތަމަ މެޗްގައި ދެއްކުނު ކުޅުމާއި މެދު ހިންހަމަޖެހޭކަމަށެވެ. ނަމަވެސް މިއަދު ހެނދުނު ކުޅުނު މެޗްގައި މާބޮޑަށް އަމިއްލަ މިސްޓޭކް ގިނަވީ ކަމަށް ނަބާ ބުންޏެވެ. ނަމަވެސް މިފެންވަރުގެ ކުޅުންތެރިންނާއި ވާދަކޮށްލަން މިލިބުނު ފުރުސަތު ނަބާ ފާހަގަކޮށްފައިވެއެވެ.

ސްވިމިންގައި ރާއްޖޭގެ އައިޝަތު ސާޖިނާ ވާދަކޮށްފައިވަނި 100 މީޓަރު ބްރެސްޓް ސްޓްރޯކްގައެވެ. މިހީޓް ސާޖިނާ ނިންމާފައިވަނީ 1 މިނެޓް 33 ސިކުންތުންނެވެ. އަދި މި ހީޓްގެ އެއްވަނައަށް ދިޔަ އެމެރިކާގެ އެމެލީ ރޭސް ނިންމާފައިވަނީ 1 މިނެޓް 14 ސިކުންތުންނެވެ.