ޚަބަރު

އައިފޯނަކުން ނެގި ގެފުޅުގެ މި ފޮޓޯއަށް އެވޯޑެއް


14 ވަނަ އަހަރީ އައިފޯން ފޮޓޮގްރަފީގެ އެވޯޑެއް މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން މީހުން ޠަވާފް ކުރާ މަންޒަރު ދައްކައިދޭ ފޮޓޯއަކަށް ލިބިއްޖެއެވެ. ސަޢޫދީ ޢަރަބިއާގެ ރައްޔިތެއްކަމަށްވާ ޠާލިބު އަލް މާރީ ނަގާފައިވާ މި ފޮޓޯ އަށް ލިބިފައިވަނީ ޓްރެވަލް ކެޓަގަރީން ތިންވަނައެވެ. މި ފޮޓޯއާއެކު ތިރީގައި ޠާލިބު ލިޔެފައިވަނީ "މުސްލިމުންގެ ހިތް" މިހެންނެވެ.

އައިޕޯން ބޭނުންކޮށްގެން ނަގާފައިވާ އެންމެ މޮޅު ފޮޓޯގެ އެވޯޑްދޭ މިއަހަރުގެ މުބާރާތުގައި 140 ޤައުމަކުން ބައިވެރިވެފައިވެއެވެ.

ފޮޓޯއާއި ބެހޭގޮތުން ޠާލިބު ބުނީ މިއީ އޭނާގެ ހިތާއި ވަރަށް ގާތް ފޮޓޯއެއްކަމަށެވެ. އަދި އޭނާއަށް މި އެވޯޑް ލިބުނީ ފޮޓޯގެ ސަބަބުން ކަމުގައިވެސް ޠާލިބު ބުނެއެވެ. ފޮޓޯ ނަގާފައިފައި އެ ވަނީ ގިނަ ޢަދަދެއްގެ ޙައްޖާޖީން ގެފުޅު ވަށައިގެން ޠަވާފް ކުރަމުންދިޔަ ވަގުތެއްގައި ކަމަށާއި ފޮޓޯ ނެގީ ސްލޯ މޯޝަންގައިކަމަށެވެ.

މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވެ އެވޯޑެއް ޙާޞިލް ކުރެވުމަކީ ބުނެދޭން ނޭގޭ ކަހަލަ އިޙްސާސެއްކުރެވޭ ކަމެއްކަމަށްވެސް ޠާލިބު ވަނީ ބުނެފައެވެ. މީގެއިތުރުން 2016 ވަނަ އަހަރުން ފެށިގެން އައިޕޯނުން ފޮޓޯނަގާ ކަމަށާއި ޕްރޮފެޝަނަލް ކެމެރާއެއް ގަތުމަށްފަހުވެސް އައިފޯން ބޭނުންކޮށްގެން ފޮޓޯ ނެގުން ހުއްޓާނުލާ ކަމަށް ޠާލިބު ބުނެއެވެ.

ޠާލިބު އެހެން ފޮޓޯއެއްކަމަށްވާ ކުޑަކުޑަ ޖަމަލެއް އޭތީގެ މަންމަގާތުން ކިރު ބޯން އުޅޭ މަންޒަރު ދައްކައިދޭ ފޮޓޯއަކަށް އޮނަރަރީ އެވޯޑެއްވެސް ވަނީ ލިބިފައެވެ.