ޚަބަރު

އިތުރު 217 މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 217 މީހުން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ ދެލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކައަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި 217 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 13 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 204 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދުވަނީ 260،991 (ދެލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކަ ނުވަދިހަ އެކަކަށް) އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޮނިހިރު ދުވަހު ޖަހަފައިވަނީ 95 މީހުންނެވެ. މީގެ ތެރޭގައި ހމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2 މީހަކާއި އަތޮޅުތެރެއިން ވެކްސިން ޖެހި 93 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 321،350 (ތިންލައްކަ އެކާވީސް ހާސް ތިންސަތޭކަ ފަންސާހަށް) އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޝީލްޑް ފުރަތަމަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.