ޚަބަރު

ސްރީ ލަންކާގައި ބާއްވާ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރުގެ ފުރުޞަތު ރާއްޖެއަށް


ސްރީ ލަންކާގައި ބާއްވާއި ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ލިބިއްޖެއެވެ. ސްރީ ލަންކާއިން އެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އެފްއޭއެމުގެ ރައީސް ބައްސާމު އަލީލް ޖަލީލު ވިދާޅުވީ ޤައުމީ ޓީމަށް ލިބޭ ފުރުޞަތުތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަންޖެހޭނެކަމަށާއި ސްރީ ލަންކާއިން ދިން ފުރުޞަތު ބަލައިގަންނަން ވިސްނަމުންދާކަމަށެވެ. އަދި އެއީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޮންނަ އޭޝިޔަން ކަޕުގެ ކޮލިފައިން ގްރޫޕު ސުޓޭޖުގެ މެޗުތަކަށް ތައްޔާރުވުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭޝިޔަން ކަޕުގެ ކޮލިފައިން ގްރޫޕު ސުޓޭޖުގެ ގުރުއަތުލުން ބާއްވާނީ ޕުލޭއޮފުގެ ބުރު ނިމުމުންނެވެ. ކޮލިފައިންގެ 6 ގުރޫޕުގެ އެއްވަނަ ޓީމާއި ހަ ގްރޫޕްގެ ދެވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް 2023ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިޔަން ކަޕުން ޖާގަ ލިބޭނެއެވެ.

2012ވަނަ އަހަރުގެ ތެރޭގައި 23 އަހަރުން ދަށުގެ ޤައުމީ ޓީމުވަނީ ސްރީ ލަންކާގައި ބޭއްވި 23 އަހަރުން ދަށުގެ މުބާރާތެއް ކާމިޔާބުކޮށްފައެވެ.