ޚަބަރު

500 އަށްވުރެ ގިނަ މީހުންނަށް ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފި


ހިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 500އަށް ވުރެ ގިނަ މީހުންނާއެކު އެއްބަސްވުން އެކުލަވާލައި، ޔުނިޓުތަކުގެ ތަޅުދަނޑި ޙަވާލުކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ހާމަކުރައްވައިފިއެވެ.

ޢީދު ބަންދާ ދިމާކޮށް ހިޔާ ފްލެޓު ޙަވާލުކުރުން މެދުކަނޑާލުމަށްފަހު އެޗްޑީސީން ވަނީ އަނެއްކާވެސް މިއަދު އެމަސައްކަތް ފަށާފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓުތައް އޭގެ ވެރިފަރާތާ ޙަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތް ޢީދު ބަންދަށްފަހު އާދިއްތަ ދުވަހުގެ ހެނދުނު ވަނީ އަލުން ފަށާފައެވެ. މިގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 11:00 ޖެހުމާއި ހަމައަށް 531 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުގެ ތަޅުދަނޑި ވެރިފަރާތާ ޙަވާލުކޮށްފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

ހިޔާ މަޝްރޫޢިން ލިބުނު ފްލެޓު ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ އެހެން މަޝްރޫޢަކުން ފްލެޓު ހަމަޖެއްސުމަށް ހުޅުވާލި ފުރުސަތުގައި ދުއިސައްތައަށް ވުރެ ގިނަ މީހުން އެ ހުށައެޅުން ޤަބޫލުކޮށްފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދިން ފުރުސަތުގައި 213 ފަރާތަކުން ވިނަރެސް ހައުސިންގ މަޝްރޫޢުއިން ފްލެޓު ހޯދުމަށް ފޯމު ހުށައަޅާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މިފުރުސަތު މިމަހުގެ ނިޔަލަށް އޮތްކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

ޓަވަރު ތަރުތީބުން ލިޔެކިޔުން ހުށައެޅި ފަރާތްތައް އިސްކަންދީގެ ފްލެޓުތަކުގެ އެއްބަސްވުން އެކުލަވާލުމަށް ކުރިއަށްގެންދާ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އެޗްޑީސީން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. ޓަވަރުތަކުގައި ސޮއިކުރުމަށް ވަކި ދުވަސްތަކެއް ހަމަޖައްސާފައިވީނަމަވެސް ސޮއިކުރެވޭނީ އޭގެ ކުރިން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކަނިކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި އެއްވެސް ސަބަބަކާ ލައިގެން އެއްބަސްވުމުގައި ސޮއިނުކުރެވޭ ފަރާތްތަކަށް އިތުރު އިންތިޒާމެއްގެ ދަށުން އެއްބަސްވުން އެކުލަވާލެވޭނެ އުސޫލެއް ހަމަޖައްސަވާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ފްލެޓުތަކުގައި ކަރަންޓު ނެތްއިރު ހިޔާ މަޝްރޫޢަށް ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމާލެވޭނީ އަންނަ މަހުގެ 17 ހިސާބުގައިކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ހިޔާ ފްލެޓުތަކުގައި ނުނިމިހުރި މަސައްކަތް ނިންމުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވީނަމަވެސް އެކަށީގެންވާ ގޮތުގައި އެމަސައްކަތް ނުކުރެވޭނެކަން އެޗްޑީސީން ފާހަގަކުރައްވައެވެ. މިއާއެކު ފްލެޓަށް ކުލި ދައްކަން ފަށަންޖެހޭނީ ކަރަންޓު ގުޅައިދެވޭ ހިސާބުންކަމަށް އެޗްޑީސީން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.

2017 ވަނަ އަހަރު ތަރައްޤީކުރަން ފެށި ހިޔާ ފްލެޓަކީ 25 ބުރީގެ 16 ޓަވަރެވެ. މަސައްކަތް ފެށިއިރު 7000 ހައުސިންގ ޔުނިޓު އަޅާގޮތަށް އޮތްނަމަވެސް ކޮމާޝަލް ބޭނުންތަކަށާއި ޒަރޫރީ ޚިދުމަތްތައް ދިނުމަށާއި ޕާކިންގ ސްޕޭސްއަށް ޖާގަ ދޫކުރުމަށްފަހު ފްލެޓުގެ ޢަދަދުވަނީ 6720 އެޕާޓްމަންޓަށް މަދުކޮށްފައެވެ. ހިޔާ ފްލެޓްތަކަށް ކުލީގެގޮތުގައި 7500 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000 އާއެކު ޖުމްލަ 8500 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހެއެވެ.