ވިޔަފާރި

މިފްކޯއިން 2500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ގެނެސްފި


ބޭރަށް މަސް އެކްސްޕޯޓްކުރެވޭ މިންބަރު އިތުރުކުރުމަށް މިފްކޯއިން 2500 ޓަނުގެ މަސް ފިނިކޮށް ރައްކާ ކުރެވޭ ބޯޓެއް އެކުންފުނީގެ ފްލީޓަށް އިތުރު ކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، މި ބޯޓު ގަތުމުގެ މަސައްކަތުގައި އެކުންފިން ވޭތުވެދިޔަ ހަމަހެއްހާ ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ބޯޓުގެ ބޭނުމަކީ، މަސްވެރިކަން ރަނގަޅުވެގެންދާއިރު މިފްކޯގެ ކެޕޭސިޓީ މިހާރު ހުރިވަރަށް ވުރެ އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވި ގޮތުގައި، މީގެ ކުރީން އުތުރުގެ މަސްވެރިކަން ރަނގަޅުވާއިރު މިފްކޯއަށް މަސްކިރުމުގައި ދަތިތަކެއް ހުންނަ ކަމަށާއި، މިބޯޓާއެކު އެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ފައުޒީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރަށް މަސް ބޭރު ކުރުމުގައި މިހާރު ފްރައިޓް ޗާޖު އުފުލިފައިވާ ކަމަށެވެ. އެހެން ކަމުން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މިކަން ކުރުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު މިއީ ވެސް ލިބިގެން ދާ ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ، ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ މި ބޯޓު މާލެ ގެނެސްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ ރީފާ" އެވެ. މި ބޯޓު ގަތުމަށް ގާތްގަނޑަކަށް 27.8 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.